ރައީސް އޮފީހުގެ ދިވެހިބަހާއި ގައުމިއްޔަތާބެހޭ ހާއްސަ މުޝީރަކަށް ކުރީގެ މިނިސްޓަރު އާދަމް ނަސީރު މިއަދު އައްޔަން ކުރެއްވިތާ ކުޑައިރުކޮޅެއް ތެރޭގައި އޭނާ އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ދިވެހިބަހާއި ސަގާފަތާބެހޭ މިނިސްޓަރުގެ މަގާމުގައި ހުންނެވުމަށްފަހު އާދަމް ނަސީރު އިސްތިއުފާ ދެއްވީ މިދިޔަ އެޕްރީލް މަހު ކެބިނެޓުގެ ގިނަ މިނިސްޓަރުންތަކެއް އިސްތިއުފާ ދެއްވި ދުވަހުއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވީ ހާއްސަ މުޝީރުގެ މަގާމުގެ މަސައްކަތް އާދަމް ނަސީރު ފައްޓަވާފައިވާ ކަމަށެވެ. އަދި އެ މަގާމުގެ މައުލޫމާތު ވަރަށް އަވަހަށް ހިއްސާކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް މީގެކުޑައިރުކޮޅެއް ކުރިން އާދަމް ނަސީރު އެ މަގާމުން އިސްތިއުފާ ދެއްވައިފިކަން މުންދު ވަނީ ”ސައުވީސް“ އަށް ޔަގީން ކޮށްދެއްވާފައެވެ.
އާދަމް ނަސީރު އެ މަގާމުން އިސްތިއުފާ ދެއްވިކަން ކަށަވަރުވީނަމަވެސް، އިސްތިއުފާ ދެއްވި ސަބަބު އަދި އެނގިފައެއް ނުވެއެވެ.
ހާއްސަ މުޝީރުގެ މަގާމަށް އާދަމް ނަސީރު އައްޔަން ކުރެއްވިއިރު، ކެބިނެޓުން އޭރު އިސްތިއުފާ ދެއްވި އެހެން ބައެއް ބޭފުޅުން އެކި މަގާމުތަކަށް އައްޔަން ކުރައްވާފައިވެއެވެ.
އެގޮތުން ހެލްތު މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި އަބްދުﷲ ނާޒިމް ރައީސް އޮފީހަށް މިނިސްޓަރުގެ މަގާމަށް ވަނީ އައްޔަން ކުރައްވައިފަ އެވެ. އަދި ލޯކަލް ގަވަމަންޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި އާދަމް ޝަރީފް ގަތަރުގެ ސަފީރު ކަމަށް އަދި ޓޫރިޒަމް އެންޑް އެންވަޔަރްމެންޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ތޯރިގް އިބްރާހީމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ސަފީރު ކަމަށް އައްޔަންކުރަން ވަނީ ނިންމާފައެވެ.



