ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ނިސްބަތްކޮށް، މޯލްޑިވްސް އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝަމްއާން ވަހީދު މިއަދު ދައްކަވާފައިއެވަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމުގައި ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފު (މުންދު) ވިދާޅުވެއްޖެއެވެ.
ޝަމްއާންގެ މައްޗަށް ހުކުމް އިއްވުމުގެ ޝަރީއަތަށް މިއަދު ވަނުމުގެ ކުރިން އޭނާ ވަނީ ”އެކްސް“ ގިނަ ޕޯސްޓުތަކެއް ކުރައްވާ، ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އަދި ރައީސް މުޢިއްޒު އާ ގުޅޭގޮތުން ތުހުމަތުތަކެއް ކުރައްވާފައެވެ.
އެގޮތުން ރާއްޖޭގެ މައި ދޮރޮއަށި (ބޯޑަރ ކޮންޓްރޯލް ސިސްޓަމް) މިނިސްޓަރ އިހުސާން ބޭނުންވާ ވަކި ބަޔަކަށް ވިއްކާލާފައިވާ ކަމަށާއި އެކަން ހުއްޓުވުމަށް އޭނާ މަސައްކަތް ކުރުމުންނާއި އެކަމާ ދެކޮޅު ހެދުމުގެ ސަބަބުން އެކި ފަހަރު މަތިން ސީދާ ރައީސް މުޢިއްޒު، ޝަމްއާންއަށް ގުޅުއްވިކަމުގައި އޭނާ ތުހުމަތު ކުރައްވާފައިވެއެވެ. އަދި އެމައްސަލައިގައި އެންމެ ފަހުން ގުޅުއްވި ދުވަހު ”މިކަން އިތުރު ގޮތަކަށް ބަދަލެއް ނުވާނެ“ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެ ކޯފާ އިސްކުރައްވާ ޝަމްއާނަށް އިންޒާރު ދެއްވިކަމުގައި ވެސް ވިދާޅުވިއެވެ.
”ބޯޑަރ ކޮންޓްރޯލް ސިސްޓަމް ވިއްކާލުމަކީ މިނިސްޓަރ އިހުސާން އަދި އެޓަރނީ ޖެނެރަލް އުޝާމް އިސްވެތިބެ ހިންގާ ބޮޑު ޖަރީމާއެއް. މިކަމާއި ގުޅޭ ހެކި، ފުލުހުން އަތުގައި އަދިވެސް އޮތް އަޅުގަނޑުގެ ފޯނުގައި ހުންނާނެ. މި މަސައްކަތް ސިއްރިއްޔާތުގައި ދަނީ ހިނގަމުން.“ ޝަމްއާން ވިދާޅުވިއެވެ.
މީގެއިތުރުން އޭނާ ތުހުމަތު ކުރައްވާފައިވަނީ، ބިދޭސީން ގެނައުމަށް ދޫކުރާ ކޯޓާ އަދި ވޯކް ޕާރމިޓް އެޕްރޫވް ކުރުމަށް މިނިސްޓަރ އިހުސާން ހިންގަމުން ގެންދިޔަ ޖަރީމާ ރައީސްގެ ސަމާލު ކަމަށް 16 ޖެނުއަރީ 2025 ގައި ގެންނެވި ކަމަށެވެ.
”ކޮންމެ ކޯޓާ އަކަށް 8000 ރުފިޔާގެ މަގުން އަދި އެޕްރޫވް ކުރާ ބަންގްލަދޭޝް މީހަކަށް 1800 ޔޫ އެސް ޑޮލަރުގެ މަގުން މިކަން ކުރާ ވާހަކަ ރައީސްއަށް ދަންނަވާ އެކަމުގެ ހެކި ރައީސްއަށް ހުށަހެޅިން. ރައީސް އެސްޓޯނިޔާގައި ހުންނަވާ ދެއްވި ޖަވާބަކީ؛ ’ މިނިސްޓަރ އިހްސާން އާއި ދެކޮޅަށް ޝަމްއާން ޒާތީ ގޮތުން ކަންކަން ކުރާކަމުގެ މައުލޫމާތު ލިބިއްޖެ. އިހްސާން ގާނޫނާއި ގަވައިދާއި ހިލާފު އެއްވެސް ކަމެއް ނުކުރޭ. އަދި ޔަގީން ނުވެސް ކުރާނެ.‘ އަޅުގަނޑަށް އިވުނު ވާހަކައެއީ ހަގީގަތެއްނަމަ ދަންނަވަން. ލޯޔަލް ވުމަކީ ތިއެއް ނޫން.“ ޝަމްއާން ވިދާޅުވެފައިވެއެވެ.
މިކަމާ ގުޅޭގޮތުން ”ސައުވީސް“ އަށް މައުލޫމާތު ދެއްވަމުން ތަރުޖަމާނު ވިދާޅުވީ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން، ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް މިއަދު މީޑިޔާގައި އެދެއްކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.





1 Comment
މި ކާޓޫނު މީދެންކާކު މާކަންކަން އެނގެމީހަކަށްވެގެން ވާހަކަދައްކަން. ކަލޭކައިރީ އަހާފަތަ ރައިސްކުރާކަމަކާ، ދައްކާވާހަކައެއްދައްކަނީ. މީނަމީ އަދި މަގާމުލިބުނުތާ 3 މަސްނުވާ މީހެކޭ މާއެނގިގަނެގެން މިއަނގަތަޅަނީ.