ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އަށް ފާއިތުވި އަށް އަހަރުގެ ތެރޭގައި މާލީ ގޮތުން އެންމެ ބޮޑު ކުރިއެރުމެއް ލިބުނީ 2025 ވަނަ އަހަރު ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އަންގާރަ ދުވަހު މީރުމާ ހޯލުގައި ބޭއްވި ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި، 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި އޮޑިޓްކޮށްފައިވާ މާލީ ބަޔާންތައް ވަނީ ފާސްކޮށްފައެވެ.
ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2025 ވަނަ އަހަރު ވީއެމްސީއަށް އަމިއްލައަށް އާމްދަނީ އުފެއްދި މިންވަރު ނުވަތަ ސެލްފް ޖެނެރޭޓެޑް އިންކަމްގެ ގޮތުގައި 32.54 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ މެންބަރޝިޕް ފީ، ބައިނަލްއަގުވާމީ ފެއަރތަކާއި ރޯޑްޝޯތަކުގެ އިތުރުން ޕަބްލިކޭޝަންތަކާއި ކުންފުނީގެ މަންފާއަށް ކުރެވުނު އެހެނިހެން މަސައްކަތްތަކުން ލިބުނު އާމްދަނީއެވެ.
ފާއިތުވި އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑެތި ކާމިޔާބީތަކެއް ލިބުނު އަހަރެކެވެ. އެގޮތުން 2 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ މިހާތަނަށް މި ލަނޑުދަނޑިއަށް އެންމެ އަވަހަށް ވާސިލުވެވުނު އަހަރެވެ. ފަތުރުވެރިކަމުން ލިބުނު ޖުމްލަ އާމްދަނީ 5.57 ބިލިޔަން އެމެރިކާ ޑޮލަރަށް އަރާފައިވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 16.4 އިންސައްތައިގެ ކުރިއެރުމެކެވެ.
ޖަލްސާގައި ވާހަކަދައްކަވަމުން ވީއެމްސީގެ ބޯޑް އޮފް ޑިރެކްޓަރުންގެ ޗެއަރޕަރސަން އަބްދުއްﷲ ޣިޔާޒް ވިދާޅުވީ، 2025 ވަނަ އަހަރުގެ ކާމިޔާބީއަކީ ސިނާއަތުގެ ހުރިހާ ފަރާތްތަކެއް ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ.
”ކުންފުނީގެ މާލީ ނަތީޖާ ރަނގަޅުވުމަކީ ވިޔަފާރީގެ ގޮތުން ލިބުނު ކުރިއެރުމެއް ނަމަވެސް، އަޅުގަނޑުމެންގެ އެންމެ ބޮޑު ކާމިޔާބީއަކީ ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްގެ ގޮތުގައި ރާއްޖެ ދަމަހައްޓައި، ގައުމުގެ އިގްތިސާދަށް އޭގެ މަންފާ ހޯދައިދިނުން،“ޣިޔާޒް ވިދާޅުވިއެވެ.
ކުންފުނީގެ ހިންގުމަށް ގެނެވުނު ބަދަލުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ޖުލައި މަހު ކުންފުނީގެ ނަން ”މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް“ (އެމްއެމްޕީއާރުސީ) އިން ”ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން“ އަށް ވަނީ ބަދަލުކޮށްފައެވެ. އަދި ބޯޑު މެންބަރުންގެ އަދަދު ހަތަކުން ނުވަޔަކަށް ވަނީ އިތުރުކޮށްފައެވެ. މިދިޔަ އަހަރުގެ ތެރޭގައި ބޯޑުގެ 30 ބައްދަލުވުން ބާއްވައި، ޖުމްލަ 129 ރިޒޮލިއުޝަން ވަނީ ފާސްކޮށްފައެވެ.
ބައިނަލްއަގުވާމީ މައިދާނުގައި ވެސް ރާއްޖެއިން ވަނީ 2025 ވަނަ އަހަރު ވިދިވިދިގެން ހަވަނަ ފަހަރަށް ”ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން“ ގެ ލަގަބު ހޯދާފައެވެ.
މި ކާމިޔާބީތައް ހާސިލުކުރުމަށް ވީއެމްސީން ވަނީ 46 ޑެސްޓިނޭޝަން ކެމްޕޭނާއި، 16 ބައިނަލްއަގުވާމީ ފެއަރގެ އިތުރުން މާކެޓިންގ އަދި ޕީއާރުގެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.



