އަނިޔާގެ ސަބަބުން ނެދަލެންޑްސްގެ ފުލްބެކް، ޖޫރިއަން ޓިމްބާއަށް ކުރިޔަށް އޮތް ފީފާ ވޯލްޑް ކަޕުގައި ކުޅުމުގެ ފުރުސަތު ގެއްލިއްޖެ ކަމަށް ނެދަލެންޑްސްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ހާމަކޮށްފިއެވެ.
އާސެނަލްއަށް ކުޅެމުން އަންނަ ޒުވާން ޑިފެންޑަރަށް މި ފުރުސަތު ގެއްލުނީ އޭނާގެ އުކުޅުވަޅަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ.
އުމުރުން 24 އަހަރުގެ ޓިމްބާ އެންމެ ފަހުން ކުޅެފައިވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައެވެ. އެ މެޗުގައި އޭނާ ކުޅެން ނިކުތީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. ޕެނަލްޓީ ޖަހައިގެން ޕީއެސްޖީ އަތުން އާސެނަލް ބަލިވި އެ މެޗަށްފަހު، ޓިމްބާ ވަނީ ގައުމީ ޓީމާ ގުޅިފައެވެ. ނަމަވެސް ރޭ އުޒްބެކިސްތާން އަތުން 2-1 އިން ނެދަލެންޑްސް މޮޅުވި މެޗަށްފަހު އޭނާ ވަނީ ޓީމުގެ ކޭމްޕް ދޫކޮށް ގޮސްފައެވެ.
ނެދަލެންޑްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓިމްބާގެ އުކުޅުވަޅަށް ލިބުނު އަނިޔާގެ ހާލަތު މެޑިކަލް ޓީމުން ބެލުމަށްފަހު، ވޯލްޑް ކަޕް ފެށެންވާއިރަށް އޭނާ ފިޓްނުވާނެކަން ޔަގީންވެފައިވާ ކަމަށެވެ. އެހެންކަމުން، މެޑިކަލް ޓީމާ މަޝްވަރާ ކުރުމަށްފަހު ޓިމްބާ ކޭމްޕް ދޫކޮށްލުމަށް ވަނީ ނިންމާފައެވެ.
ޓިމްބާއަށް ވޯލްޑް ކަޕް ގެއްލުމާ ގުޅިގެން، ކޯޗު ރޮނާލްޑް ކޫމަން ވަނީ އޭނާގެ ބަދަލުގައި ސަންޑަލެންޑުގެ ޑިފެންޑަރު، ލުޓްޝަރެލް ގީޓްރުއިޑާ ޓީމަށް ނަގާފައެވެ.
މިއީ މުބާރާތުގެ ކުރިން ނެދަލެންޑްސްގެ ޑިފެންސްލައިނަށް ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ.
ވޯލްޑް ކަޕްގައިނނެދަލެންޑްސްގެ ފުރަތަމަ މެޗުގައި މި މަހުގެ 14 ވަނަ ދުވަހު ޖަޕާނާ ދެކޮޅަށް ކުޅޭއިރު، ގްރޫޕް ސްޓޭޖުގެ އަނެއް ދެ މެޗުގައި އެ ޓީމު ބައްދަލުކުރާނީ ސްވިޑެން އަދި ޓިއުނޭޝިއާއާއެވެ.




