ދިވެހިރާއްޖެ އާއި ނެދަލޭންޑްސްއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މިއަދު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށްދިޔައީ ނެދަލޭންޑްސުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ނޮން-ރެސިޑެންޓް ސަފީރު ވެއިބެ ޖޭކޮބް ޑި ބޮއަ، ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްގެ އަރިހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރާތުގެ ތެރެއިންނެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު އިރުތިޝާމްގެ އަރިހުގައި ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

އޭގެ ތެރޭގައި ސެކްރެޓަރީ ޑރ. ހާލާ ހަމީދާއި، ސެކްރެޓަރީ މަލްޓިލޭޓަރަލް އަހުމަދު ޝިއާން، ޑެޕިއުޓީ މިނިސްޓަރު އައިމިނަތު މިނާ، ޖޮއިންޓް ސެކްރެޓަރީ ހަސަން ހުސެއިން ޝިހާބް، ސީނިއާ ޕޮލިޓިކަލް ޑައިރެކްޓަރު އަހުމަދު ހާނީ ނައީމް އަދި ސީނިއާ ޕޮލިޓިކަލް ޑައިރެކްޓަރު އާއިޝާ މަޔާސީން މުހައްމަދު ހިމެނިވަޑައިގަންނަވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު އިރުތިޝާމް ވަނީ ސަފީރު ވެއިބެ ޖޭކޮބް ޑި ބޮއަ، އެމަނިކުފާނުގެ ސަފީރުކަމުގެ ލިޔުން މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އަރުއްވާފައިވާތީ އެކަމަށްޓަކައި މަރުހަބާ ދަންނަވައިފައެވެ.

ޒިޔާރާތުގެ ތެރެއިން ބޭއްވި ރަސްމީ ބައްދަލުވުމުގައި، ދެ ގައުމުގެ ދެމެދުގައި ގުޅުން އިތުރަށް ބަދަހިކުރެވިދާނެ އެކި ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. މިގޮތުން ފަތުރުވެރިކަމުގެ ދާއިރާ، ތައުލީމީ ދާއިރާ އަދި އިގްތިސާދީ ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ދެ ބޭފުޅުން ވަނީ ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ.
މީގެ އިތުރުން، ރާއްޖެ އާއި ނެދަލޭންޑްސްއާ ދެމެދު އޮތް ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަކޮށް، އެ ގުޅުން ދެމެހެއްޓުމުގެ އަޒުމް ދެ ބޭފުޅުން ވެސް ވަނީ އާ ކުރައްވައިފައެވެ.




