ހޮރްމޫޒް ކަނޑުއޮޅި ކައިރިން އެމެރިކާގެ އަޕާޗޭ ހެލިކޮޕްޓަރެއް އީރާނުން އިއްޔެ ވައްޓާލާފައިވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ތުހުމަތު ކުރުމާ ގުޅިގެން، އެމެރިކާ ސިފައިން އީރާނުގެ އަސްކަރީ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ރޭ ދީފިއެވެ.
މި ހާދިސާއާ ގުޅިގެން ވޮޝިންޓަނާއި ތެހެރާނާ ދެމެދު ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް ކުރަމުންދާ މަސައްކަތްތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައި ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
އެމެރިކާގެ މަރުކަޒީ ކޮމާންޑުން ހާމަކުރި ގޮތުގައި، މި ހަމަލާތައް އަމާޒުކޮށްފައިވަނީ ހޮރްމޫޒް ކަނޑުއޮޅި ކައިރީގައި ހުރި އީރާނުގެ ވައިގެ ދިފާއީ ނިޒާމުތަކަށާއި ކޮންޓްރޯލް ސްޓޭޝަންތަކުގެ އިތުރުން ރޭޑާރު ސައިޓްތަކަށެވެ.
މިއީ އެމެރިކާގެ އަސްކަރިއްޔާއަށާއި މުދާ އުފުލާ އުޅަނދުފަހަރަށް ދެމުންދާ ހަމަލާތަކަށް ދެވުނު އެކަށީގެންވާ ރައްދެއް ކަމަށް އެމެރިކާއިން ސިފަކުރެއެވެ.
މި އޮޕަރޭޝަނާ ގުޅޭ ގޮތުން ރައީސް ޓްރަމްޕް ވިދާޅުވީ، އީރާނުގެ އަމަލުތަކަށް ދޭންޖެހޭ ރައްދު ވާންޖެހޭނީ ވަރަށް ވަރުގަދަ އަދި ނުފޫޒުގަދަ ރައްދަކަށް ކަމަށާއި މިހާރު ދެވުނު ހަމަލާއަކީ އެފަދަ ހަމަލާއެއް ކަމަށެވެ.
އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ގިޝްމް ޖަޒީރާއަށާއި ސިރީކް ބަނދަރުމަތީ ސިޓީއަށް ހަމަލާތަކެއް ވަނީ އަރާފަ އެވެ. މީގެ އިތުރުން ބަންދަރު އައްބާސް އަދި ޖާސްކް ކައިރިންވެސް ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައިވެއެވެ.
މި ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ވަނީ ބަހްރޭންގައި އޮންނަ އެމެރިކާގެ ފަސްވަނަ ފްލީޓަށް ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށް ބުނެފަ އެވެ. އަދި ހަމަލާތައް ކުރިއަށްދާ ނަމަ މިއަށް ވުރެ ވަރުގަދަ ރައްދެއް ދޭނޭ ކަމުގެ އިންޒާރު ވެސް އީރާނުން ވަނީ ދީފައެވެ.




