ފެންބޮޑުވުމުގެ ކާރިސާތަކަށް އިޖާބަދިނުމަށް ޖަޕާން ސަރުކާރުން ހަދިޔާކުރި ފެންހިއްކާ ޕަންޕުތައް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބައެއް ރަށްރަށުގެ ކައުންސިލްތަކާ ހަވާލުކުރަން ފަށައިފިއެވެ.
ރާއްޖޭގައި ފެންބޮޑުވުމުގެ މައްސަލައަކީ މޫސުމީ ބަދަލުތަކާއެކު ދިމާވަމުންދާ ވަރަށް ބޮޑު ގޮންޖެހުމެކެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ.
އެންޑީއެމްއޭން ބުނީ، ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ”އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް“ ގެ ފުރަތަމަ ބުރުގެ ތެރެއިން، ފެންބޮޑުވުމުގެ ކާރިސާތަކުން ރައްކާތެރިވުމަށް ޖަޕާން ސަރުކާރުން ހަދިޔާކުރި ފެންހިއްކާ ޕަންޕުތައް 5 ރަށެއްގެ ކައުންސިލާ މިހާރު ހަވާލުކޮށްފައިވާކަމަށެވެ.
އެގޮތުން ޕަންޕުތައް ހަވާލުކުރި ރަށްތަކަކީ:
° ރ. އިނގުރައިދޫ
° ކ. ކާށިދޫ
° މ. މުލައް
° އއ. ފެރިދޫ
° ތ. ކަނޑޫދޫ
މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ލިބިފައިވާ 40 ޕަންޕު، ފުރަތަމަ ބުރުގައި 20 ރަށަކަށް ބެހުމަށް ހަމަޖެހިފައިވާ ކަމަށާއި މީގެ ތެރެއިން ކޮންމެ ރަށަކަށް ދެ ޕަންޕާއި ޕަންޕަށް ބޭނުންވާ އިތުރު ސާމާނުތައް ހަވާލުކުރެވޭނެ ކަމަށް އެންޑީއެމްއޭއިން ބުނެފައިވެއެވެ.
އެ އޮތޯރިޓީން ބުނީ ޕަންޕު ފޯރުކޮށްދޭންޖެހޭ ރަށްތައް ކަނޑައެޅުމުގައި ބަލާފައިވަނީ، މީގެ ކުރިން އެ އޮތޯރިޓީން ޕަންޕު ފޯރުކޮށްދީފައިނުވާ ރަށްތަކުގެ ތެރެއިން، ފާއިތުވި އަހަރުތަކުގައި އާންމުކޮށް ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވެ ރިޕޯޓްކުރާ ރަށްތަކަށް ބަލައިގެން ކަމަށެވެ.
މި މަޝްރޫޢަކީ ކާރިސާތަކަށް އިޖާބަދިނުމުގެ ކަންކަން އަތޮޅުތަކުގައި ހަރުދަނާކޮށް، ވިލުންތެރި ރާއްޖެއެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުތަކުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެއްކަން އެންޑީއެމްއޭއިން ފާހަގަކުރައްވައެވެ.
މި މަޝްރޫޢުގެ ދެވަނަ ބުރުގައި 15 ރަށަކަށް ޕަންޕު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށެވެ.
ދެވަނަ ބުރުގައި ޕަންޕު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ރަށްތައް:
° ހއ. އިހަވަންދޫ
° ހއ. ދިއްދޫ
° ހއ. އުލިގަން
° ހދ. ނެއްލައިދޫ
° ނ. މާފަރު
° ރ. ފައިނު
° ބ. ކުޑަރިކިލު
° ޅ. ނައިފަރު
° ކ. ގާފަރު
° ތ. ބުރުނީ
° ދ. ހުޅުދެލި
° ފ. މަގޫދޫ
° ފ. ބިލެއްދޫ
° ގދ. ހޯޑެއްދޫ
° ގދ. ކަނޑުހުޅުދޫ
މޫސުން ގޯސްވެ ވާރޭ ވެހުމުގެ ސަބަބުން ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ފެންބޮޑުވުމުގެ މައްސަލައާ ކުރިމަތިލާން ޖެހެއެވެ.




