މޯލްޑިވްސް އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުހައްމަދު ޝަމްއާން ވަހީދު ފްރޭމްކުރި ކަމަށް އޭނާ ބުނާ ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތްކަމަށް ބުނެ، ޝަމްއާން ދެއްކި ވާހަކަތައް ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ދޮގުކުރައްވައިފިއެވެ.
ޝަމްއާންއަށް ހުކުމް އިއްވުމުގެ ޝަރީއަތަށް އިއްޔެ އޭނާ ވަޑައިގަތުމުގެ ކުރިން އޭނާ ވަނީ މިނިސްޓަރު އިހުސާންއަށާއި ބަންޑާރަނައިބު އަހުމަދު އުޝާމްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާ، ”އެކްސް“ ގައި ޕޯސްޓުތަކެއް ކުރައްވާފައެވެ. އަދި އެ ތުހުމަތުތައް އިއްޔެ ނޫސްވެރިންނާ ޝަމްއާން ބައްދަލު ކުރައްވައި، ދެއްކެވި ވާހަކަތަކުގައި ތަކުރާރު ކުރައްވާފައި ވެސް ވެއެވެ.
އެގޮތުން ރާއްޖޭގެ މައި ދޮރޮއަށި (ބޯޑަރ ކޮންޓްރޯލް ސިސްޓަމް) މިނިސްޓަރ އިހުސާން ބޭނުންވާ ވަކި ބަޔަކަށް ވިއްކާލާފައިވާ ކަމަށާއި އެކަން ހުއްޓުވުމަށް އޭނާ މަސައްކަތް ކުރުމުންނާއި އެކަމާ ދެކޮޅު ހެދުމުގެ ސަބަބުން އެކި ފަހަރު މަތިން ސީދާ ރައީސް މުޢިއްޒު، ޝަމްއާންއަށް ގުޅުއްވިކަމުގައި އޭނާ ތުހުމަތު ކުރައްވާފައިވެއެވެ. އަދި އެމައްސަލައިގައި އެންމެ ފަހުން ގުޅުއްވި ދުވަހު ”މިކަން އިތުރު ގޮތަކަށް ބަދަލެއް ނުވާނެ“ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެ ކޯފާ އިސްކުރައްވާ ޝަމްއާނަށް އިންޒާރު ދެއްވިކަމުގައި ވެސް ވިދާޅުވިއެވެ.
”ބޯޑަރ ކޮންޓްރޯލް ސިސްޓަމް ވިއްކާލުމަކީ މިނިސްޓަރ އިހުސާން އަދި އެޓަރނީ ޖެނެރަލް އުޝާމް އިސްވެތިބެ ހިންގާ ބޮޑު ޖަރީމާއެއް. މިކަމާއި ގުޅޭ ހެކި، ފުލުހުން އަތުގައި އަދިވެސް އޮތް އަޅުގަނޑުގެ ފޯނުގައި ހުންނާނެ. މި މަސައްކަތް ސިއްރިއްޔާތުގައި ދަނީ ހިނގަމުން.“ ޝަމްއާން ވިދާޅުވިއެވެ.
މީގެއިތުރުން އޭނާ ތުހުމަތު ކުރައްވާފައިވަނީ، ބިދޭސީން ގެނައުމަށް ދޫކުރާ ކޯޓާ އަދި ވޯކް ޕާރމިޓް އެޕްރޫވް ކުރުމަށް މިނިސްޓަރ އިހުސާން ހިންގަމުން ގެންދިޔަ ޖަރީމާ ރައީސްގެ ސަމާލު ކަމަށް 16 ޖެނުއަރީ 2025 ގައި ގެންނެވި ކަމަށެވެ.
”ކޮންމެ ކޯޓާ އަކަށް 8000 ރުފިޔާގެ މަގުން އަދި އެޕްރޫވް ކުރާ ބަންގްލަދޭޝް މީހަކަށް 1800 ޔޫ އެސް ޑޮލަރުގެ މަގުން މިކަން ކުރާ ވާހަކަ ރައީސްއަށް ދަންނަވާ އެކަމުގެ ހެކި ރައީސްއަށް ހުށަހެޅިން. ރައީސް އެސްޓޯނިޔާގައި ހުންނަވާ ދެއްވި ޖަވާބަކީ؛ ’ މިނިސްޓަރ އިހްސާން އާއި ދެކޮޅަށް ޝަމްއާން ޒާތީ ގޮތުން ކަންކަން ކުރާކަމުގެ މައުލޫމާތު ލިބިއްޖެ. އިހްސާން ގާނޫނާއި ގަވައިދާއި ހިލާފު އެއްވެސް ކަމެއް ނުކުރޭ. އަދި ޔަގީން ނުވެސް ކުރާނެ. ރައީސް ދެންނެވި އަޅުގަނޑަކީ ލޯޔަލް މީހެއް ނޫން ކަމުގައިވެސް“ ޝަމްއާން ވިދާޅުވެފައިވެއެވެ.
އެވާހަކަތަށް ”އެކްސް“ މެދުވެރިކޮށް މިއަދު ރައްދު ދެއްވުން މިނިސްޓަރ އިހުސާން ވިދާޅުވީ، ޝަމްއާން އެ ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތުތަކެއް ކަމަށާއި ތަކުރާރުކޮށް އެ ކުރާ ތުހުމަތުތަކާ ގުޅޭ އެއްވެސް ހެއްކެތް ނުވަތަ ޤަރީނާއެއް ނެތް އިރު، އޭނާ އެހަދަނީ ދޮގުކަން ކުރިންވެސް މީޑިޔާތަކުގައި ދަންނަވާފައި ވާނެ ކަމަށެވެ.
”ޝަމްއާން ފްރޭމްކޮށްފައިވާކަމަށް ބުނާ ވާހަކައަކީވެސް އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫންކަން މިމައްސަލާގައި ފުލުހުން ހޯދާފައިވާ ހެކިތަކުން ސާފު. މިމައްސަލާގައި ކަންހިނގާފައިވާ ގޮތް ތަފްސީލުކޮށް ރައްޔިތުންނަށް ސާފުކޮށްދިނުމަށް އަޅުގަނޑުވާނީ ފުލުހުންގެ މުއައްސަސާގައި އެދިފައި.“ މިނިސްޓަރ އިހުސާން ވިދާޅުވެފައިވެއެވެ.
ޝަމްއާންގެ މައްޗަށް ދައުލަތުން ކޮށްފައިވާ ތިން ދައުވާވެސް ސާބިތުވެ، އޭނާ 25 އަހަރަށް ޖަލަށްލުމަށް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.





1 Comment
ކާކުތަ އެއްބަސްވަނީ އެކަމެއްކޮށްފަ؟