ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާންއާ ބެހޭގޮތުން ”ދައުރު“ ނޫހުގައި ޝާއިއުކުރި ރިޕޯޓު ނެގުމަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.
އަޒާންގެ ފަރާތުން، ދައުރު ނޫސް ހިންގާ ކުންފުންޏާއި އެ ނޫހުގެ އެޑިޓަރު މޫސާ ލަތީފާ ދެކޮޅަށް އަބުރުގެ ދައުވާ ކޮށްފައިވަނީ ”އަދަދު އަށް ފުލުހުން ވަދެގަތުމާއި އަޒާން ކުރެއްވި ތަޖުރިބާ“ ގެ ނަމުގައި މޫސާ ލަތީފު ލިޔުނު ރިޕޯޓަކާ ގުޅިގެންނެވެ.
އެ ލިޔުން ނެގުމަށް ނުވަތަ އިސްލާހު ކުރަން އަމުރުކޮށްދިނުމަށާއި މައްސަލައިގައި ގޮތެއް ކަނޑައަޅަންދެން ލިޔުން ޑްރާފްޓް ސްޓޭޓަސްއަށް ބަދަލު ކުރަން އަމުރުކޮށްދިނުމަށް ވެސް ދައުވާގައި އެދިފައިވެއެވެ.
އެ އަމުރާ މެދު ގޮތެއް ކަނޑައަޅައި، މިއަދު ސިވިލް ކޯޓުން ނެރުނު އަމުރުގައި ބުނީ މޫސާ ލަތީފްގެ ލިޔުން މިހާރު އޮތް ހާލަތުގައި އޮތުމުން އާންމުކޮށް ކޮންމެ ކިޔުންތެރިއަކަށް ވެސް ކޮންމެ ވަގުތެއްގައި ވެސް އެ ލިޔުން ހުޅުވައި ކިޔުމަށް ފުރުސަތު ފަހިވެފައިވާ ކަމަށެވެ.
މައްސަލައިގައި ގޮތެއް ކަނޑައެޅުމުގެ ކުރިއަށް ހިމާޔަތް ކުރަން ޖެހޭ އަޒާންގެ ހައްގެއް އޮތް ކަމަށް އެނގެން އޮންނަ ކަމަށާއި އަދި ލިޔުން ޑްރާފްޓް ލިޔުމަކަށް ބަދަލުކުރުމުގެ އަމުރެއް ނެރުމުގެ ސަބަބުން ދައުވާ ލިބޭ ފަރާތަށް ލިބޭނެ ގެއްލުމެއް އޮތް ކަމަށް ޝަރީއަތަށް ގަބޫލު ނުކުރެވޭ ކަމަށް އަމުރުގައިވެއެވެ.
އެހެންވެ، އަމުރުގައި އަންގާފައިވަނީ ލިޔުމުގެ ޕަބްލިކޭޝަން ސްޓޭޓަސް ”ޑްރާފްޓް“ ސްޓޭޓަސް އަށް ބަދަލުކުރުމަށާއި އެ ލިޔުމަށް އާންމުންނަށް އެކްސެސް ނުވެވޭނެ ގޮތް ހެދުމަށެވެ. މިއީ ލިޔުން ޑިލީޓްކުރުން ކަމުގައި ބެލެން ނެތް ކަމަށް ވެސް އަމުރުގައިވެ އެވެ.
އަމުރުގައި ބުނެފައިވާ ގޮތުން ލިޔުން މިހާރަށް ވުރެ ވެސް ގިނަ މީހުންނަށް ފެނި ދައުވާ ކުރާ ފަރާތުގެ އަބުރަށް މިހާތަނަށް ލިބިފައިވާ ގެއްލުމަށް ވުރެ އިތުރަށް ގެއްލުންވުމުގެ އިހުތިމާލު އެބަ އޮތް ކަމަށެވެ.




