މަރާމާތަށް ފަހު، މާލޭގެ ރަސްފަންނު މޫދަށް އެރޭ ސަރަޙައްދު އަލުން އާންމުންނަށް ހުޅުވާލައިފިއެވެ.
މި ސަރަޙައްދު މަރާމާތުކުރުމަށްޓަކައި ވަގުތީ ގޮތުން ބަންދުކޮށްފައިވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މި މަޝްރޫޢު ކުރިއަށް ގެންގޮސްފައިވަނީ އެމްޓީސީސީއާއި އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެންނެވެ. މި މަސައްކަތުގެ ތެރެއިން ގޮނޑުދޮށް ގިރުމުގެ މައްސަލަ ހައްލުކުރުމާއި، ބޭރު ތޮއްޓަށް ބަދަލުތައް ގެނެސް މޫދަށް އެރޭ ސަރަހައްދުގައި ފެން ދައުރުވުން ރަނގަޅުކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. މީގެ އިތުރުން އެމްޓީސީސީން ވަނީ އެ ސަރަހައްދުގައި ފެންހިންދާ ނިޒާމެއްވެސް ޤާއިމްކޮށްފައެވެ.
ރަސްފަންނު ތަރައްޤީކުރުމުގެ ދަށުން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން އާންމުންނަށް ބޭނުންވާ މުހިންމު ވަސީލަތްތަކެއް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި އާ ފާޚާނާބަރިއަކާއި، ފެން މާގަނޑުތަކުގެ އިތުރުން ލޮކަރުގެ ޚިދުމަތް ހިމެނެއެވެ. މި މަސައްކަތްތައް ކުރިއަށްދާ ގޮތް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވަނީ ބައްލަވާލައްވާފައެވެ.
އެމްޓީސީސީން ކުރިއަށްގެންދިޔަ މަސައްކަތްތަކުގެ ތެރޭގައި، މޫދަށް އެރޭ ސަރަޙައްދުގެ އުތުރުން ޑްރެއިނޭޖް ރަނގަޅުކުރުމާއި، ކުރިން ޖަހާފައިވާ ހިލަ ތޮށި ނަގައި، ފެން ދައުރުކުރުމަށް ކަލްވާޓްސްތަކެއް ހިމަނައިގެން އަލުން ހިލަ ތޮށި ޖެހުން ހިމެނެއެވެ. ބިނާރާބެހޭ ވުޒާރާއިން ވިދާޅުވީ، މި ބަދަލުތަކާއެކު މިހާރު އާންމުންނަށް އެ ސަރަހައްދު ބޭނުންކުރެވޭނެ ކަމަށެވެ.
ރަސްފަންނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައުސިން މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި ދުވަސްވަރު، މާލޭގެ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ޤާއިމްކުރުމަށް 2016 ވަނަ އަހަރު ހުޅުވި ތަނެކެވެ.
އެތަނުގައި ޢާއިލާއާއެކު ހިތްހަމަޖައްސާލަން ތިބެވޭނެ ޖޯލިފަތިތަކާއި، ހޮޅުއަށިތަކުގެ އިތުރުން މަސްބާނާ މީހުންނަށް ޚާއްސަ ހަޓަކާއި ބާބަކިއު ހަދާނެ އިންތިޒާމުތައް ވަނީ ހަމަޖެހިފައެވެ.



