މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި މުބާރާތް ބާއްވާ އެއް ޤައުމުކަމުގައިވާ ކެނެޑާ އާއި ބޮސްނިއާ އެންޑް ހާޒެގޮވީނާ ބައްދަލުކުރި މެޗު 1-1 އިން އެއްވަރު ވެއްޖެއެވެ.
ކެނެޑާގެ ވެރިރަށް ޓޮރޮންޓޯގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ކެނެޑާއިން ބޯޅަ ހިފަހައްޓައި، ނުވަ ކޯނަރު ހޯދި ނަމަވެސް، އެ ޓީމުގެ އެޓޭކްތައް ލަނޑަކަށް ހަދާލެވޭ ގޮތެއް ނުވި އެވެ. ފުރަތަމަ ހާފުގައި ތަފާތަކަށް ވީ 20 ވަނަ މިނިޓުގައި ބޮސްނިއާގެ ޖޯވޯ ލޫކިޗް ޖަހައިދިން ލަނޑެވެ.
މި ލަނޑަކީ ބޮސްނިއާއަށް ލިބުނު ކޯނަރެއްގެ ބޭނުންހިފައި ސައީދު ކޮލަސިނަކް ބޮލުން ގޯލް ކުރިމައްޗަށް ބޯޅައެއް، ލޫކިޗް ބޮލުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޖެހި ލަނޑެކެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ކެނެޑާއިންނެވެ. މިގޮތުން މިމެޗުގައި ކެނެޑާއިން 13 ހަމަލާ އުފައްދާފައިވާއިރު މީގެތެރެއިން 4 ހަމަލާވަނީ ގޯލަށް އަމާޒުކޮށްފައެވެ. އަދި ބޮސްނިއާއިން އުފެއްދި 8 ހަމަލާގެ ތެރެއިން އެޓީމުންވެސް 3 ހަމަލާވަނީ ގޯލަށް އަމާޒުކޮށްފައެވެ. މިމެޗުގައި ކެނެޑާގެ ކެޕްޓަން އަލްފަންސޯ ޑޭވިސް އާއި ބޮސްނިއާގެ ކެޕްޓަން އެޑިން ޖެކޯއަށް އަނިޔާގެ ސަބަބުން ކުޅެވޭގޮތެއް ނުވިއެވެ.
މިމެޗުގައި ކެނެޑާއިން ބޮޑަށް ހަމަލާއަށް އިސްކަން ދީގެން ކުޅުނުތަން ފެނިގެންދިޔައިރު ބޮސްނިއާ ފެނިގެންދިޔައީ ރަނގަޅަށް ޑިފެންސް ކުރުމަށްފަހު ލިބޭ ފުރުސަތުތަކުގައި ހަމަލާ އުފެއްދޭތޯ މަސައްކަތް ކުރަމުންދިޔަ ތަނެވެ. މިމެޗުގެ ފުރަތަމަ ހާފުގައި ކެނެޑާއަށް އެންމެ ބޮޑު މައްސަލައެއް ދިމާވީ ބޮސްނިއާގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލުމުގައެވެ. މިގޮތުން އެޓީމުން އުފައްދަން މަސައްކަތް ކުރި ގިނަ ހަމަލާތައްވަނީ ބޮސްނިއާގެ ކީޕަރުގެ އިތުރުން ޑިފެންސް ލައިނުން ޑިފާއުކޮށްފައެވެ.
މިމެޗުގެ ފުރަތަމަ ހާފުގައި ނަތީޖާއަށް ބަދަލެއް އައިސްފައިނުވާއިރު ދެވަނަ ހާފުގެ ކުރީކޮޅު ކެނެޑާއިންވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކުރުމާއި ވަރަށް ގާތަށް ގޮސްފައެވެ.
މިގޮތުން ކެނެޑާގެ ރިޗީ ލާޔާ ބޮސްނިއާގެ ގޯލަށް ފޮނުވާލި ހަމަލާ ގޯލަށް ވަދެވަދެ އޮއްވާ ދިފާއުކުރީ ކޮލަސިނެޗްއެވެ. ކެނެޑާއިން މި މެޗުގެ ނަތީޖާ ހަމަހަމަ ކުރި ލަނޑު މެޗުގެ 78 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިޔާ ކައިލް ލަރިންއެވެ. މިލަނޑު އޭނާ ޖަހާފައިވަނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރިތާ 2 މިނެޓްގެ ތެރޭގައެވެ.
ކެނެޑާގެ އެ ލަނޑާއެކު އަމިއްލަ ފަސްގަނޑުގައި އެ ޤައުމުގެ ޓީމު ލަދަކުން ސަލާމަތްވެ، މެޗު ނިމުނީ ނަތީޖާ އެއްވަރުވެގެންނެވެ.




