ރާއްޖޭގައި ކައްކާ ލޮނު އުފެއްދުމަށް ބޭނުންވާ ދިރާސާގެ މަސައްކަތް ފަށާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓްރީން ކުރަމުންދާ މަސައްކަތްތައް އަދާހަމަކޮށް ނޫސްވެރިންނާއި ހިއްސަ ކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ، ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ދިވެހިރާއްޖޭގެ އިގްތިސާދު ނަގާ ކޮޅަށް ޖެހުމަށް ގެންގުޅުއްވާ ތަަސައްވުރުގެ ދަށުން، ރާއްޖެއަކީ ބިޔަ ކަނޑުގެ ސަރަހައްދެއް ލިބިފައިވާ ގައުމެއްކަމަށްވުމާއެކު، އޭގެ އެންމެ ފުރިހަމަ ފައިދާ ނެގުމުގެ ވިސްނުން އެބަހުރިކަމަށެވެ. އެގޮތުން، ރާއްޖޭގައި ކައްކަން ބޭނުންކުރާ ލޮނު އުފެއްދުމުގެ މަސައްކަތް ފެށުމުގެ ގޮތުން ދިރާސާއެއް ހެދުމުގެ މަސައްކަތް މިހާރު ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބިސީސީ) އާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެ ސެންޓަރުން މިކަމާއި ގުޅޭ ދިރާސާއެއް ހަދަމުންދާ ކަމަށާއި، މިކަމުގައި ޔޫއެންޑީޕީގެ ފަންނީ އެހީތެރިކަން ހޯދުމަށް ވިސްނަމުން އަންނަކަމަށް ވިދާޅުވި އެވެ.
”ރާއްޖެއަކީ ބިޔަ ކަނޑެއްގެ ގައުމެއް. އެހެންވީމަ އޭގެން ފުރިހަމަ މަންފާ ލިބޭތޯ މަސައްކަތް ކުރަން ޖެހޭނެ. އެގޮތުން ބީސީސީއާ ހަވާލުކޮށްފައިވާނެ ރާއްޖޭގައި ލޮނު އުފެއްދުމުގެ މަސައްކަތް ފެށުމަށް. ޔޫއެންޑީޕީގެ ރީސާޗް ބައެއް ހޯދުމަށް ވަނީ މަޝްވަރާކޮށްފައި. މިކަމަށް ސްޓަޑީ ހެދުން ވަރަށް މުހިންމު.“ ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، މިހާރުވެސް ރައްޖޭގެ ޓޫރިޒަމް ދާއިރާއަށް ވެސް އަދި އާންމު ބޭނުންތަކަށްވެސް ރާއްޖެއަށް ބޭރުގެ އެހެން ގައުމުތަކުން ގިނަ އަދަކަކަށް ލޮނު އިމްޕޯޓްކުރަމުން އަންނަކަމަށެވެ. އެހެންކަމުން ލޮނު ރާއްޖޭގައި އުފައްދަން ބޭނުންވާކަމަށާއި، މި ސަރުކާރުގެ ފަސްއަހަރުގެ ދައުރުގައި ރާއްޖޭގައި ލޮނު އުފައްދަން ފެށޭވަރުވާނެކަމަށް ސައީދު ވިދާޅުވި އެވެ.



