ރާއްޖޭގެ އެކި ކަންކޮޅުތަކުން ކުއްލި ސިއްހީ ފަރުވާއަށް ބޭނުންވި 71 ބަލިމީހަކު، ފާއިތުވެދިޔަ ހަތް ދުވަހުގެ ތެރޭގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ އެހީތެރިކަމާ އެކު ކަނޑުމަގުން އެހެން ރަށްރަށަށް އުފުލައިފިއެވެ.
ޤައުމީ ދިފާޢީ ބާރުން މީސްމީޑިއާގައި ހިއްސާކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، މި އޮޕަރޭޝަންތަކުގައި ކޯސްޓްގާޑުގެ އެކިއެކި ސްކޮޑްރަންތަކާއި ސީއެމްބިއުލާންސްތަކުން ވަނީ ހަރަކާތްތެރިވެފައެވެ.
މިގޮތުން އެންމެ ގިނަ ދަތުރުތައް ކޮށްފައި ވަނީ ކޯސްޓްގާޑުގެ ފުރަތަމަ ސްކޮޑްރަންއިންނެވެ. އެ ސްކޮޑްރަންއިން 48 އޮޕަރޭޝަން ހިންގާފައިވާއިރު، ތިންވަނަ ސްކޮޑްރަންއިން 13 އޮޕަރޭޝަން، ހަތަރުވަނަ ސްކޮޑްރަންއިން 6 އޮޕަރޭޝަން، އަދި ދެވަނަ ސްކޮޑްރަންއިން 3 އޮޕަރޭޝަން ވަނީ ކާމިޔާބުކަމާ އެކު ނިންމާލާފައެވެ. މީގެ އިތުރުން ސީ އެމްބިއުލާންސް އީ9 54އިން ވެސް ވަނީ އެއް ބަލިމީހަކު އުފުލުމުގެ މަސައްކަތް ފުރިހަމަކޮށްފައެވެ.
ދިވެހިރާއްޖެއަކީ ޖަޒީރާ ޤައުމަކަށްވެފައި، އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި ހުންނަ ގޮންޖެހުންތަކާ އެކު ވެސް، ސިފައިން އަންނަނީ ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް މެދުކެނޑުމެއްނެތި މަސައްކަތްކުރަމުންނެވެ. ޚާއްޞަކޮށް މޫސުން ގޯސްވާ ދުވަސްވަރު ދިމާވާ ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތަކާއި ކުއްލި ޞިއްޙީ ބޭނުންތަކުގައި، ދުވާލުގެ 24 ގަޑިއިރު ކޯސްޓްގާޑުން އޮންނަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ.




