ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި ސިއްހީ ކުއްލި ހާލަތްތަކުގައި ބޭނުންވާ ވަގުތަށް ލޭ ލިބުމަކީ ބަލި މީހާގެ ފުރާނަ ސަލާމަތްކުރުމަށް ލިބޭ ބޮޑު ބާރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ބްލަޑް ޑޯނަރުންގެ ބައިނަލްއަގްވާމީ ދުވަހާ ގުޅިގެން ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ދީލަތިކަމާ އެކު، އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާކޮށް، މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ވޮލެންޓިއާ ޑޯނަރުން ވަމުން އަންނަނީ މަތިވެރި ގުރުބާނީއެއް ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ ބޭސްވެރިކަމާއި ޓެކްނޮލޮޖީގެ ދާއިރާއިން ދުނިޔެ ކުރިއަރައިގެން ދިޔަ ނަމަވެސް ލޭގެ ބަދަލުގައި ބޭނުންކުރެވޭނެ އެހެން އެއްވެސް ވަސީލަތެއް އަދި ނެތް ކަމަށެވެ. އެހެންވެ، ލޭ ހަދިޔާކުރުމަކީ އާންމު ސިއްހަތު ރައްކާތެރިކުރުމާއި ގައުމީ ފެންވަރުގައި ކުރިމަތިވާ ސިއްހީ ކުއްލި ނުރައްކާތަކަށް ތައްޔާރުވާން ކޮންމެހެން ބޭނުންތެރިކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ރާއްޖެއަކީ ރަށްތައް ވަކިވަކިން އުފެދިފައިވާ ގައުމަކަށް ވާއިރު ސިއްހީ ކުއްލި ހާލަތުގައި ބޭނުންވާ ވަގުތަށް ލޭ ލިބުމަކީ ފުރާނަ ސަލާމަތް ކުރުމަށް ލިބޭ އެންމެ ބޮޑު ބާރެވެ. އަދި މި ސަރުކާރު ދެމިއޮންނާނީ އާންމުން ހޭލުންތެރިކޮށް ވޮލެންޓަރީ ޑޯނަރުން ޕްރޮމޯޓްކޮށް، އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތް ކުރުމުގައި ކަމަށް ވިދާޅުވިއެވެ.
ލޭ ހަދިޔާ ކުރެވޭނީ:
° އުމުރުން 18 އަހަރު ވެފައިވާ، ބަރުދަނުގައި 45 ކިލޯ އަށްވުރެ އިތުރަށް ހުންނަ މީހުންނަށް
° ލޭ ހަދިޔާކުރާ މީހާގެ ހިމަގްލޮބިން އެންމެ ދަށްވެގެން ވެސް 12.5g/dL ގައި ހުންނަ މީހުންނަށް
° މާބަނޑު މީހުންނާއި ގާތުންދޭ އަންހެނުންނަށް ލޭ ހަދިޔާ ނުކުރެވޭނެ.
° އެއިޑްސް އާއި ހެޕަޓައިޓިސް ފަދަ ގައިންގަޔަށް އަރާ ބަލިތައް ހުންނަ މީހުންނަށް ލޭ ހަދިޔާ ނުކުރެވޭނެ.
° ލޭ ދެވޭނީ ކޮންމެ ތިން މަހަކުން.
° ލޭ ހަދިޔާކުރަން ދާއިރު މަދުވެގެން ހަ ގަޑިއިރުގެ ނިދި ހަމަކޮށް، އަދި ލޭ ހަދިޔާކުރަން ދިއުމުގެ އެއްގަޑިއިރު ކުރިން ކާން ޖެހޭނެ.



