ޖަޕާން ސަޕޯޓަރުންނަކީ، އަބަދުވެސް އެމީހުން ބަލަންދާ ނުވަތަ ހިތްވަރު ދިނުމަށްދާ ކޮންމެ ކުޅިވަރެއްގެ މެޗަށްފަހުވެސް އެ މީހުން ތިބޭ ސަރަހައްދު ސާފު ތާހިރު ކުރުމުގައި ނަމޫނާ ދައްކާ ބައެކެވެ.
އެގޮތުން މިއަހަރުގެ ވޯލްޑްކަޕްގައި ނެދަލޭންޑްސްއާ ޖަޕާނާ ރޭގައި ކުޅުނު މެޗަށް ފަހުވެސް، ޖަޕާނުގެ ކުޅުންތެރިން ވަނީ ދަނޑުގެ ގޮނޑިބަރިތައް ނުހަނު ފުރިހަމައަށް ސާފުކޮށްފައެވެ. އެ މީހުން ބުނި ގޮތުގައި މިއީ ކަންކަން ނިންމާފައި ދާއިރު، ތަންތަން ސާފުތާހިރުކޮށް ބެހެއްޓުމަށް ޖަޕާނުގެ ސަގާފަތުގައި އޮންނަ އާދައެކެވެ.
އެ މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމުނު ނަމަވެސް، ސަޕޯޓަރުން ދަނޑުން ނުގޮސް މަޑުކުރީ އެ މީހުން ވަންއިރު ދަނޑު އޮތް ފަދަ ސާފުތާހިރު ހާލަތަކަށް ދަނޑު ގެނައުމަށެވެ. އެގޮތުން ދަނޑުގައި ހުރި ކުނިތައް ހޮވައި، ނޫކުލައިގެ ކޮތަޅުތަކަށް އެޅުމުގައި އެ މީހުން ވަނީ ނަމޫނާ ދައްކާފައެވެ.
މިއީ ޕްރައިމަރީ ސްކޫލް ދައުރުން ފެށިގެން ޖަޕާނު މީހުން ދަސްކުރާ އާދައެކެވެ. ޖަޕާނުގެ ސަޕޯޓަރެއް ކަމަށްވާ އީޓާ ޓަނާކާ ”އޭއެފްޕީ“ އަށް ދިން އިންޓަވިއުއެއްގައި ބުނީ ”އަހަރުމެން އަބަދުވެސް އެހެން މީހުންނާ މެދު ވިސްނަންޖެހޭނެ“ ކަމަށެވެ.
”ޖަޕާނު މީހުން ގަބޫލުކުރާ ގޮތުގައި ވަކި ތަނެއް ބޭނުންކުރުމަށްފަހު އެތަނަކުން ދާއިރު، އެތަނަށް އައިއިރު ހުރި ވަރަށްވުރެ ބޮޑަށް އެތަން ސާފުކުރަން ޖެހޭނެ. މިސާލަކަށް ސްކޫލްތަކުގައިވެސް ކްލާސް ނިމުމުން، ޓީޗަރުން އެދުމުގެ ކުރިން އަހަރުމެން އަމިއްލައަށް ކްލާސްތައް ސާފުކުރަން،“ ޖަޕާނުގެ ގައުމީ ޓީމުގެ ޖާޒީގައި ހުރި 20 އަހަރުގެ ޒުވާނާ ކިޔައިދިނެވެ.
ޖަޕާނުން ޖެހިޖެހިގެން އަށްވަނަ ފަހަރަށް ވޯލްޑް ކަޕުގައި ވާދަކުރަމުންދާއިރު، އެ ގައުމުގެ ސަޕޯޓަރުންގެ މި ސާފުތާހިރުކަމަކީ މުޅި ދުނިޔެ ބަލައިގަންނަ ސިފައަކަށް ވަނީ ވެފައެވެ.



