ހިޖުރީ ސަނަތުން 1448 ވަނަ އަހަރު ފެށިގެން ދާއިރު، މި އަހަރަކީ ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކަށް ފާހަގަތި އަހަރަކަށް ވެގެންދާނެ ކަމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ޙިޖުރީ އައު އަހަރުގެ ހެޔޮ އެދުމާ ތަހުނިޔާ މީޑިއާތަކަށް ފޮނުއްވެވި މެސެޖެއްގައެވެ.
މިނިސްޓަރުގެ މެސެޖުގައި ވަނީ އިސްލާމީ ދާއިރާއިން މިއަހަރު ހާސިލްކުރުމަށް ކަނޑައަޅާފައިވާ މުހިންމު ލަނޑުދަނޑިތަކެއް ހިއްސާކުރައްވާފަ އެވެ. އެގޮތުން މި އަހަރުގެ ތެރޭގައި ރާއްޖޭގައި ތިބި ޒުވާން ޚަޠީބުންގެ ޢަދަދު ހާހަކަށް އަރާނެ ކަމަށާއި، ޙާފިޒުންގެ ޢަދަދު 350 އަށް ގާތްކުރާނެ ކަމަށް ވަޒީރު ލަފާކުރެއްވި އެވެ.
ޢުމްރާނީ ތަރައްޤީގެ ރޮނގުން ބަލާއިރު، ބިޔަ ބޮޑު ވަޤުފު ބިނާތައް މިއަހަރު ނިމޭނެ ކަމަށާއި، ވަޤުފު ފަންޑާއި ޒަކާތު ފަންޑު އިތުރުވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން މިހާރު ފަށާފައިވާ އިސްލާމީ މަރުކަޒުތަކުގެ މަސައްކަތް ނިމުމަކާ ގާތްވާނެ ކަމަށާއި، ހުޅުމާލޭގައި ބިނާކުރާ ބޮޑު މިސްކިތުގެ ޢަމަލީ މަސައްކަތް ފެށިގެން ދިއުމަކީ ބޮޑު އުންމީދެއް ކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ 1448 ވަނަ އަހަރަކީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ ތާރީޚީ އަހަރު ކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް އިސްލާމީ ޤަރުނަށް ރާއްޖޭގެ އިސްލާމީ ޙަޟާރަތުގެ އަސާސްތައް ވަރުގަދަ ކުރުމުގެ ހަރުދަނާ ބިންގާތަކެއް މިއަހަރު އެޅިގެންދާނެ ކަމަށް ވިދާޅުވި އެވެ.
”އަޅުގަނޑުމެންގެ ޢަޒުމަކީ ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ދަމަހައްޓާނެ ހަރުދަނާ ޖީލަކާއި ވަރުގަދަ އިސްލާމީ ޢުމްރާނީ ކުރިއެރުން ގެނައުން. މާތް ﷲ ތައުފީޤު ދެއްވާށި. އާމީން،“ މިނިސްޓަރު މެސެޖު ނިންމަވާލައްވަމުން ވިދާޅުވެފައިވެއެވެ.



