އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ނުވަތަ އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީގެ ހުއްދަ ނުހޯދާ ވ. ކުނަވަށީގައި ސީޕްލޭން ޕްލެޓްފޯމެއް ތަރައްޤީކުރުމުގެ މަސައްކަތްކޮށްފައިވާތީ ސީޖޭއެލް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކޮށްފިއެވެ.
މިއީ އެ ކުންފުނިން މިފަދަ ޢަމަލެއް ހިންގި ފުރަތަމަ ފަހަރު ކަމަށްވާތީ، އެ ކުންފުނި ޖޫރިމަނާކޮށްފައިވަނީ 20,000 (ވިހިހާސް) ރުފިޔާއިންނެވެ.
ރާއްޖޭގެ އެއްވެސް ސަރަޙައްދެއްގައި ތަރައްޤީގެ މަޝްރޫޢެއް ކުރިއަށްގެންދާނަމަ، އެ މަޝްރޫޢެއްގެ ސަބަބުން ތިމާވެއްޓަށް ނޭދެވޭ އަސަރުކުރާނެ މިންވަރު ބަލަންޖެހެއެވެ. ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު (އީއައިއޭ) ހެދުމާބެހޭ ގަވާއިދުގައި އިސްތިސްނާކޮށްފައިވާ މަޝްރޫޢުތައް ފިޔަވައި، ކޮންމެ މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން ރެގިއުލޭޓަރީ އޮތޯރިޓީގެ ހުއްދަ ހޯދުމަކީ ލާޒިމު ކަމެކެވެ.
ނަމަވެސް، ސީޖޭއެލް އިންވެސްޓްމަންޓުން ވަނީ އީއައިއޭގެ މަސައްކަތް ފުރިހަމަނުކޮށް އަދި ބޭނުންވާ ހުއްދަތައް ނުހޯދައި ކުނަވަށީގައި ސީޕްލޭން ޕްލެޓްފޯމެއް އެޅުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައެވެ.
އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީން ވިދާޅުވީ، އެ މައްސަލަ ބެލުމަށްފަހު ކުށްކުރި ފުރަތަމަ ފަހަރަށް ކަނޑައަޅާފައިވާ މިންވަރުން އެ ކުންފުނި ޖޫރިމަނާކޮށްފައިވާ ކަމަށެވެ. ޖޫރިމަނާގެ ފައިސާ ސަރުކާރު ބަންދު ދުވަސްތައް ހިމެނޭހެން 30 ދުވަހުގެ ތެރޭގައި ބަނޑޭރި ޕޭ މެދުވެރިކޮށް ދައްކައި ޚަލާސްކުރުމަށް އެ ކުންފުންޏަށް ވަނީ އަންގާފައެވެ.
މީގެއިތުރުން، އެ ކުންފުނިން ކުރިއަށްގެންދާ މަޝްރޫޢުގެ މަސައްކަތްތައް ދެން ކުރިއަށްގެންދަންވާނީ ގަވާއިދުގައި ބަޔާންކުރާ ގޮތުގެ މަތިން ކަމަށްވެސް އޮތޯރިޓީން ވަނީ އިރުޝާދު ދީފައެވެ.
ހުއްދަ ނުހޯދާ ސީޕްލޭން ޕްލެޓްފޯމް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްގެން މީގެކުރިންވެސް އެހެން ކުންފުންޏަކާ މެދު ފިޔަވަޅު އަޅައި ޖޫރިމަނާކޮށްފައިވެއެވެ.



