ރ. އުނގޫފާރު މަގުމަތީގައި އޮތް ފެންގަނޑަކަށް އެރި އުޅެނިކޮށް ކަރަންޓުގައި ޖެހުނު ކުއްޖާ ސަލާމަތްކުރަން އުޅުނު ޒުވާނާއަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސްފިއެވެ.
އުނގޫފާރު ހޮސްޕިޓަލުގެ ސީނިއާ ކަސްޓަމާ ރިލޭޝަން އޮފިސަރު ހަސަން ފަޒީލް ވިދާޅުވީ ކަރަންޓުގައި ޖެހުނު ކުއްޖާ ސަލާމަތް ކުރުމަށް އުޅުނު ޒުވާނާއަށް އިތުރު ފަރުވާ ދިނުމަށް މިހާރު ވަނީ މާލެ ގެންދެވިފައި ކަމަށެވެ. ޒުވާނާ މާލެ ފޮނުވިއިރުވެސް ހާލު ވަރަށް ސީރިއަސް ކަމަށާއި ފަރުވާދެމުން ދިޔައީ ވެންޓިލޭޓަރުގައި ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. މިހާރު ޒުވާނާއަށް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗުގައި ކަމަށްވެއެވެ.
މަގުމަތީ އޮތް ފެންގަނޑެއްގެ ތެރެއިން ކަރަންޓުގައި ޖެހިގެން ބުރާސްފަތި ދުވަހު އެ ހޮސްޕިޓަލަށް ގެންދިޔަަ ކުދިންގެ ތެރެއިން ދެ ކުއްޖަކަށް ފަރުވާ ދިނުމަށްފަހު ގެއަށް ވަނީ ދޫކޮށްލާފައެވެ.
މިހާދިސާ އާ ގުޅޭގޮތުން، ފުލުހުން ބުނީ އުނގޫފާރު ކުޑަކުދިންގެ ޕާކު ކައިރީގައި އޮތް ފެންގަނޑަކަށް އެރި އުޅެނިކޮށް ދިމާވި ހާދިސާއެއްގެ މައުލޫމާތު ބުރާސްފަތި ދުވަހު މެންދުރު 1:30 ހާއިރު ކަމަށެެވެ. މިހާދިސާގައި އަނިޔާވެފައި ވަނީ، އުމުރުން 18 އަހަރުގެ ފިރިހެނަކަށާއި 12 އަހަރުގެ އަންހެން ކުއްޖަކަށް ކަމަށެވެ.
މިއީ ވާރޭވެހި ހެދިފައި އޮތް ފެންގަނޑެއްގެ ތެރެއަށް 8 އަހަރުގެ ކުއްޖާ ކުޅެން އެރުނުތަނާ އެ ފެންގަނޑު ކައިރީގައި ހުރި މަގު ބައްތީގެ ވަޔަރިންގެ މައްސަލައެއް ދިމާވެ ފެންގަނޑަށް ކަރަންޓު ދޫވެފައި ހުރުމުން ކުއްޖާ ކަރަންޓުގައި ޖެހުމުން ދިމާވި ހާދިސާއެކެވެ. މިހާރު މާލެ އެގެނެވުނު ހާލު ސީރިއަސް 18 އަހަރުގެ ޒުވާނާއަކީ މި ކުޑަކުއްޖާ ސަލާމަތް ކުރުމަށް މަސައްކަތް ކުރި ޒުވާނެކެވެ.
ފުލުހުން ބުނީ އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.




