ސެނެގާލްއާ ދެކޮޅަށް ރޭގައި ކުޅުނު މެޗުގައި ދެ ގޯލު ޖަހައިދީ، ކިލިއަން އެމްބާޕޭ 3-1 އިން ފްރާންސް މޮޅުކޮށްދީފިއެވެ.
ނިއުޔޯކް ސިޓީގައި ކުޅުނު އެ މެޗުގެ މި ސްކޯއާއެކު ފްރާންސުން މިވަނީ މިފަހަރުގެ ވޯލްޑްކަޕްގައި އެ ޓީމުގެ ފެށުން ރަނގަޅު ކޮށްފައެވެ.
ވަރުގަދަ އެޓޭކިން ކުޅުންތެރިންތަކެއް ކުޅޭ ފްރާންސަށް ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ފޮނުވާލެވުނީ ސެނެގާލާ ދެކޮޅަށް އެންމެ ހަމަލާއެކެވެ. ނަމަވެސް ސެނެގާލުގެ ފަރާތުން ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ފްރާންސަށް ހޯދައިދިންކަން ފާހަގަ ކުރެވުނެވެ. އެގޮތުން ސަޑިއޯ މާނޭ އާއި ނިކޮލަސް ޖެކްސަންއަށް ލިބުނު ފުރުސަތުގެ އިތުރުން އިސްމާއިލާ ސާ ފޮނުވާލި ހަމަލާތައް ފާހަގަ ކޮށްލެވެއެވެ.
ނަމަވެސް ދެވަނަ ހާފުގައި ފްރާންސް ވަނީ އެ ޓީމުގެ ކުޅުން ބޮޑުތަނުން ރަނގަޅު ކޮށްފައެވެ. ދެވަނަ ހާފުގެ ކުރީކޮޅު މައިކަލް އޮލީސޭ އާއި ކިލިއަން އެމްބާޕޭއަށް ވަނީ ގޯލު ޖަހަން ހުސް ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް ދެ ހަމަލާގެ ހުރަހަކަށް ވީ ސެނެގާލްގެ ކީޕަރު އެޑުއާޑް މެންޑީ އެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ސަޑިއޯ މާނޭ، އޭރިއާ ތެރެއިން އެމްބާޕޭ ވައްޓާލި ކަމަށް ބެލެވުނު ވަގުތުކޮޅެއް ވެސް ދިޔަ އެވެ. ރެފްރީ ޕެނަލްޓީ ނުދޭން ނިންމި ނަމަވެސް އިދިކޮޅު ޓީމުން އެޕީލް ކޮށްގެން ވީއޭއާރު ބެލުމަށް ފަހު ވެސް އޭނާ ވަނީ ފްރާންސަށް ޕެނަލްޓީއެއް ނުދީ، އެ ނިންމުން ދަމަހައްޓައިފައެވެ.
ޕެނަލްޓީ ނުލިބުނަސް އޭގެ ކުޑައިރުކޮޅެއް ފަހުން، މެޗުގެ 66 ވަނަ މިނިޓުގައި އޮލީސޭ ދިން ތުރޫ ޕާހަކުން ކެޕްޓަން ކިލިއަން އެމްބާޕޭ ވަނީ ފްރާންސްއަށް ލީޑު ނަގައިދީފަ އެވެ.
ފްރާންސްގެ ދެވަނަ ލަނޑު 82 ވަނަ މިނިޓުގައި ބްރެޑީ ބާކޮލާ ޖެހީ އޭނާ ކުޅެން ނުކުތްތާ 120 ސިކުންތު ތެރޭގަ އެވެ. އޭނާ ވަނީ އާރޮން ރަބިއޯ ދިން ތުރޯ ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ކީޕަރު ބޯ މަތިން ބޯޅަ ގޯލަށް ފޮނުވާލައިފަ އެވެ.
ސެނެގާލްގެ ހަމައެކަނި ގޯލު، މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި އަށް މިނިޓުގެ ތެރެއިން ފަސްވަނަ މިނިޓުގައި ޖަހައިދިނީ، ބަދަލު ކުޅުންތެރިއެރެއްގެ ގޮތުގައި ކުޅެން އެރި 18 އަހަރުގެ ޕީއެސްޖީ ފޯވާޑް އިބްރާހިމް އެމްބާޔޭ އެވެ.
ނަމަވެސް އަލުން ކުޅުން ފެށިގޮތަށް އެމްބާޕޭ ވަނީ އޮލީސޭ ދިން ބޯޅައެއް ހާފުގެ މެދަކާ ހަމައިން ގޯލުގެ ތެރެއަށް ފޮނުވާލައި ސަޕޯޓަރުން ހެއްވާލައިފަ އެވެ. މިއީ އެމްބާޕޭ ފްރާންސަށް ޖަހައިދިން 58 ވަނަ ގޯލެވެ. މިއާ އެކު އޭނާ ވަނީ 57 ގޯލާ އެކު ފްރާންސްގެ އޯލް ޓައިމް ޓޮޕް ސްކޯރާގެ މަގާމު އޮތް އޮލިވިއޭ ޖިރޫގެ ރެކޯޑް މުގުރާލައިފައެވެ.




