ސިފައިންގެ ހިދުމަތުގައި 21 އަހަރަށްވުރެ ގިނަ ދުވަހު ވަޒީފާ އަދާކުރެއްވި ބޭފުޅަކު މިއަދު ކުއްލިގޮތަކަށް ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ ސާޖަންޓް ފަސްޓް ކްލާސް ހުސައިން އަބްދުއްރަހުމާން އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ނިޔާވީ، އއ. ބޮޑުފޮޅުދޫގައި އޭނާ ދިރިއުޅޭ ގޭގައި ހުއްޓަ އެވެ. މި މަރުގެ އިތުރު ތަފުސީލެއް އަދި އެނގިފައެއް ނުވެއެވެ.
ހުސައިން އަބްދުއްރަހުމާން ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހުސައިންގެ އާއިލާއަށާއި ސިފައިންނަށް ތައުޒިޔާ ވިދާޅުވެފަ އެވެ.
ރައީސް ވިދާޅުވީ، ގައުމީ ދިފާއީ ބާރުގައި މަސައްކަތްކުރައްވާ ސާޖަންޓް ފަސްޓް ކްލާސް ހުސައިން އަބްދުއްރަޙުމާން ކުއްލި ގޮތަކަށް ނިޔަވި ހަބަރު އެއްސެވީ ފުންހިތާމައާއި އެކުގައިކަމަށެވެ. އޭނާއަކީ ގައުމީ ދިފާއީ ބާރުގައި 21 އަހަރާއި 7 މަހާއި 16 ދުވަހު އިހުލާސްތެރިކަމާއެކު ހިދުމަތްކުރައްވާފައިވާ ބޭކަލެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
މާތްﷲ، ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ޢަބްދުއްރަޙުމާނުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވައި ލޮބުވެތި ޢާއިލާއަށް ސާބިތުކަމާއި ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ. އާމީން




