މިދިޔަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގައި ހިންގާފައިވާ މަކަރާއި ހީލަތުގެ މައްސަލަތަކުގައި އާންމުންގެ އަތުން 33 މިލިއަނަށްވުރެ ގިނަ ރުފިޔާ ގެއްލިފައިވާކަން ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މުއްދަތުގެ ތެރޭގައި ސްކޭމްގެ 2,700 އަށްވުރެ ގިނަ މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ހެޑް، އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވީ، ރާއްޖޭގައި ޓެކުމާއި ސައިބާ ކްރައިމްގެ މައްސަލަތައް ކަންބޮޑުވާ މިންވަރަށް އިތުރުވަމުންދާ ކަމަށެވެ.
”ސްކޭމްގެ މައްސަލަތަކުގެ ހާލަތައްބަލާއިރު ރާއްޖޭގަ ކަންބޮޑުވާ މިންވަރަކަށް ސްކޭމްގެ މައްސަލަތައް އިތުރުވެގެން ގޮއްސި، އަޅުގަނޑުމެން 2025 އިން 2026 އާއި ހަމަޔަށް ބަލާއިރު 2,700 މައްސަލައެއް ރިޕޯޓްކޮށްފައެބަވޭ. މިދަންނަވާ މައްސަލަތަކުން ގެއްލުންވި ޖުމްލަ އަދަދު 33 މިލިޔަނަށް އަރާ،“ ނަވީދު ވިދާޅުވިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި ރާއްޖޭގައި ހިންގާ ސްކޭމްތަކުގެ 90 އިންސައްތައަކީ ރާއްޖޭގެ އެތެރޭގައި ތިބެގެން ހިންގާ އަމަލުތަކެކެވެ. އަދި މިފަދަ މައްސަލަތަކުގެ 99 އިންސައްތަ ހިންގަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށެވެ. މީގެ ތެރެއިންވެސް އެންމެ ގިނައީ ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ހިންގާ ސްކޭމްތައް ކަމަށްވާއިރު، އެއީ ޖުމްލަ މައްސަލަތަކުގެ 95 އިންސައްތައެވެ.
ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި، ފައިސާ ދިނުމުގެ ކުރިން އެ ފަރާތެއްގެ ސައްހަކަން ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތު ހިއްސާނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން އެކި އެޕްލިކޭޝަންތަކުގައި ’ޓޫ ފެކްޓަރ އޮތެންޓިކޭޝަން‘ ބޭނުންކުރުމަކީ ރައްކާތެރިކަން އިތުރުވާނެ ކަމެއްކަން ފާހަގަކުރެއްވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ ސްކޭމަރުންނަށް ފުރުސަތު ލިބެނީ މިފަދަ މައްސަލަތަކުގައި ހަނުހުރުމުން ކަމަށާއި، މައްސަލައެއް ދިމާވުމާއެކު ވީހާވެސް އަވަހަށް ރިޕޯޓުކުރުމުން ފައިސާ އަނބުރާ ހޯދުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ.
މަކަރާއި ހީލަތުގެ މައްސަލަތައް ރިޕޯޓުކުރުމަށް ނޭޝަނަލް އެމަރޖެންސީ ކޯލް ސެންޓަރު 911 ނުވަތަ 125 (އެކްސްޓެންޝަން 2020) އަށް ގުޅުއްވުމަށް ނުވަތަ reportscam@police.gov.mv އަށް އީމެއިލް ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.




