ވިސާ އެޕްލިކޭޝަންގައި، ގާނާ ގައުމީ ޓީމުގެ ވައިސް ކެޕްޓަން ތޯމަސް ޕާޓޭ ކެނެޑާއަށް އެތެރެވާން ކުރި މަސައްކަތް ނާކާމިޔާބު ވެއްޖެއެވެ.
އެމެރިކާގައި ކޭމްޕް ކޮށްގެން އޮތް ގާނާގެ ފުރަތަމަ މެޗުގައި ޕެނަމާއާ ދެކޮޅަށް ކުޅުނީ ކެނެޑާގެ ޓޮރޮންޓޯ ސްޓޭޑިއަމްގަ އެވެ. އެ މެޗު 1-0 އިން ކާމިޔާބުކުރީ ގާނާ އެވެ.
ޕާޓޭ އަށް ވިސާ ނުލިބުނު މައްސަލަ އޭނާ ކޯޓުގައި އިސްތިއުނާފު ކުރި ނަމަވެސް އެކަން އޭނާ އަށް ވަނީ ކާމިޔާބެއް ނުވި އެވެ. ކޯޓުން ނިންމާފައި ވަނީ، އޭނާ ވިސާ އެޕްލިކޭޝަންގައި ދޮގު މައުލޫމާތު ހިމަނާފައި ވާތީ ވިސާ ނުދޭށެވެ.
ވިސާ އެޕްލިކޭޝަންގައި ޕާޓޭ ވަނީ އޭނާއަށް އެއްވެސް އިރެއްގައި ކުށަކަށް ތުހުމަތު ކުރެވިފައި ނުވާ ކަމަށް ބުނެފަ އެވެ. ނަމަވެސް އޭނާ އަށް ވަނީ މީގެ ކުރިން ޔޫކޭގައި ރޭޕް އާއި ޖިންސީ ގޯނާގެ ތުހުމަތުތަކެއްކޮށްފަ އެވެ. އަދި ޕާޓޭ ވަނީ ކޯޓުގައި އެތައް ފަހަރަކު މި ކަންކަމަށް އިންކާރު ވެސް ކޮށްފައެވެ.
މި މައްސަލަތަކާ އެކު ވެސް އޭނާއަށް އެމެރިކާ އިން ވަނީ ވިސާ ދީފަ އެވެ. ގާނާ ޓީމު މުބާރާތަށް ކޭމްޕް ކޮށްފައި ވަނީ އެމެރިކާގެ ރޯޑް އައިލެންޑްގަ އެވެ.
މިއާއެކު ފުރަތަމަ މެޗުގައި ޕާޓޭ ނުފެނުނު ނަމަވެސް ދެވަނަ މެޗުގައި، އެމެރިކާގެ ބޮސްޓޮންގައި އިންގްލެންޑާ ދެކޮޅަށް ކުޅޭ މެޗުން އޭނާއަށް ފުރުސަތު އެބަ އޮތެވެ. ހަމަ އެއާ އެކު ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކްރޮއޭޝިއާއާ ދެކޮޅަށް ކުޅޭނީ ވެސް އެމެރިކާގައެވެ.




