ސޮވަރިން ޑިވަލޮޕްމެންޓް ފަންޑް (އެސްޑީއެފް) އަށް މިހާތަނަށް އެއް ބިލިއަން ރުފިޔާ ޖަމާކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން އެއީ މިދިޔަ އަހަރުގެ މިހާތަނާ އަޅާބަލާއިރު 10 ޕަސެންޓް ދަށް އަދަދެކެވެ.
އެގޮތުން މިދިޔަ އަހަރުގެ ޖޫން ފުރަތަމަ ހަފްތާއާ ހަމައަށް އެސްޑީއެފަށް ޖަމާކޮށްފައިވަނީ 935 މިލިއަން ރުފިޔާ އެވެ.
ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި އެސްޑީއެފަށް ޖަމާކުރުމަށް ކަނޑައަޅާފައި އޮތީ 2.4 ބިލިއަން ރުފިޔާއެވެ. އެހެންވެ، އަހަރުގެ މިހާ ހިސާބަށް ވަނީ ބަޖެޓުގައި އަމާޒު ކުރި އަދަދުގެ 40 ޕަސެންޓް ޖަމާކުރެވިފައެވެ.
އެސްޑީއެފަށް ޖަމާކުރަމުން އަންނަނީ އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އިން ލިބޭ އާމްދަނީއެވެ.
އެސްޑީއެފް ފަންޑް ބޭނުންކޮށްގެން ދައުލަތުގެ ދަރަނީގެ ބޮޑު ބައެއް މި އަހަރު ދައްކާފައިވެއެވެ. އެގޮތުން ސުކޫކު ދެއްކުމަށް ވެސް އެ ފަންޑު ބޭނުންކުރިއެވެ. ބަޖެޓުގައިވާ ގޮތުން މި އަހަރުގެ ދަރަނި އަދާކުރުމަށް 4.1 ބިލިއަން ރުފިޔާ އެ ފަންޑުން ބޭނުން ކުރާނެ އެވެ.
ދައުލަތުގެ ބަޖެޓުގައިވާ ގޮތުން، ދަރަނި ދެއްކުމަށް 12.9 ބިލިއަން ރުފިޔާ ހޭދަކުރާއިރު، އިންޓްރެސްޓް ހަރަދުގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ހިމަނާފައި ވެ އެވެ. އެހެންވެ، ދަރަނި ދެއްކުމުގެ ޖުމްލަ ހަރަދަށް 18.4 ބިލިއަން ރުފިޔާ ހޭދަވާނެ އެވެ. އެއީ މުޅި ބަޖެޓުގެ 29 ޕަސެންޓެވެ.



