ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފިޝަރީޒް މިނިސްޓްރީ އާއި ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ”މޫދު ފެސްޓް 2026″ގެ ނަމުގައި ޚާއްސަ ހަރަކާތެއް ފަށައިފިއެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މިހަރަކާތް ފަށްޓަވައިދެއްވީ ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމެވެ.
”މޫދު ފެސްޓް 2026“ ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، ކަނޑުތަކަކީ ދިވެހީންގެ އާދަކާދައާއި، ސަޤާފަތާއި ގުޅިފައިވާ އެއްޗެއްކަމަށެވެ. އެހެންކަމުން ކަނޑުތަކުގެ ދިރުންތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ އެންމެންގެ ޒިންމާއަކަށް ހަދަންޖެހޭކަމަށް ވިދާޅުވިއެވެ.
”ކަނޑަކީ ސަގާފަތާއި އާދަކާދައާއި އަދި އަޅުގަނޑުމެންގެ ދިރިއުޅުން އެ ވަސީލަތެއްގެ މައްޗަށް ބަރޯސއާވެފަ އޮންނަ ވަސީލަތެއް. އެހެންކަމުން މި ވަސީލަތް ހިމާޔަތްކޮށް ރައްކާތެރިކޮށް އަންނަންއޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދެއްވުމަކީ އެންމެންގެވެސް ޒިންމާއެއް“ މިނިސްޓަރު ވިދާޅުވިއެވެ.
މި ހަރަކާތާއި ގުޅޭގޮތުން ދައުލަތުގެ މީޑިއަށް މަޢުލޫމާތު ދެއްވަމުން މަސްވެރިކަމާ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައިމިނަތު ހުސައިން ޝަރީފް ވިދާޅުވީ، މި ހަރަކާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ދަންފަޅިއަކަށް ބަހާލައިގެންކަމަށެވެ. އެގޮތުން ފުރަތަމަ ދަންފަޅީގައި، ކުޑަކުދިންނަށް ކަނޑުގެ ރީތިކަން ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބޭނެކަމަށާއި، ދެވަނަ ދަންފަޅީގައި ކުރިއަށްދާނީ ވޯޓަރ ސްޕޯޓްސްގެ ހަރަކާތްތައްކަމަށެވެ.




