ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންނަށް ހާއްސަކޮށްގެން މަސައްކަތުގެ މާހައުލުގައި އިސްލާމީ ރިވެތި އަހުލާގާއި ސުލޫކީ މިންގަނޑުތަކަށް އަހުލުވެރިކުރުވުމުގެ މަގްސަދުގައި ހާއްސަ ތަމްރީން ޕްރޮގްރާމެއް މިއަދު އިފްތިތާހުކޮށްފިއެވެ.
”އިސްލާމީ ބަހާތަކުން ކާމިޔާބު މުވައްޒަފަކަށް“ މި ނަމުގައި ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ފެނަކަ އިންސްޓިޓިއުޓް ފޯ ޓްރޭނިން އެންޑް ރިސާޗާއި، ޖަމްއިއްޔަތުއްސަލަފްގެ އުޔޫން އިންސްޓިޓިއުޓް ގުޅިގެން ހިންގާ ހަރަކާތެކެވެ.
މި ޕްރޮގްރާމް އިފްތިތާހު ކުރުމަށް ބޭއްވި ހާއްސަ ހަފްލާގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު އަފީފު ހުސައިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ތަމްރީން ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި ފެނަކަ ހެޑް އޮފީހުގެ 17 މުވައްޒަފުން ބައިވެރިވެފައިވާއިރު، މި ޕްރޮގްރާމްގެ މައިގަނޑު ބޭނުމަކީ ކުންފުނީގެ ހިންގުމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަކީ އިސްލާމީ ރިވެތި އަހުލާގާއި ސުލޫކި މިންގަނޑުތަކަށް ތަބާވާ ބަޔަކަށް ހެދުން ކަމަށް ފެނަކައިން ބުންޏެވެ.

ފެނަކައިން ބުނިގޮތުގައި، މަސައްކަތުގެ މާހައުލުގައި ދިމާވާ އެކި ގޮންޖެހުންތަކާ އިސްލާމީ އުސޫލުތަކުގެ ތެރެއިން ކުރިމަތިލާނެ ގޮތްތައް މުވައްޒަފުންނަށް އުނގަންނައިދިނުމަކީ މި ތަމްރީނުގެ މުހިންމު މަގްސަދެކެވެ.
މި ޕްރޮގްރާމުގެ ސެޝަންތައް ނަގައިދެއްވާނީ އެ ކަމުގެ ފަންނީ ހުނަރާއި ތަޖުރިބާ ހުރި ބޭފުޅުންނެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ބުރު ހެޑްއޮފީހުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ފެށި ނަމަވެސް، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ ފެނަކަ ބްރާންޗުތަކުގެ މުވައްޒަފުންނަށްވެސް މި ތަމްރީން ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައިވާ ކަމަށް ފެނަކައިން ބުންޏެވެ.
ފެނަކައިން ބުނީ، އެ ކުންފުނިން ދެމުންގެންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ހިންގުން ހަރުދަނާ ކުރުމަށްޓަކައި ކުންފުނި ރައިޓްސައިޒު ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ.
އަދި މި މަސައްކަތްތަކަށް ކުންފުނީގެ މުވައްޒަފުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެ ކުންފުނިން ބުނެއެވެ.




