ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ދިވެއްސެއްގެ ލަގެޖުން ފަސް ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ ހދ. ކުޅުދުއްފުއްޓަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ ފިރިހެންމީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.
އޭނާގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ ވީއައިއޭގެ އިންޓަނޭޝަނަލް ޓާމިނަލުން ލަގެޖެއް ބޭރުކުރުމުގައި ގަވައިދާ ހިލާފަށް އެ ލަގެޖް ޑޮމެސްޓިކް ޓާމިނަލަށް ގެންދިޔަ ކަމަށާއި އެ މައްސަލައިގައި އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު، ފަސް ކިލޯގެ މަސްތުވާތަކެތި ވަނީ އެ ލަގެޖުން ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ ތުހުމަތުތަކަށް އިންކާރުކޮށް އެމީހާ ބުނެފައިވަނީ އެ ލަގެޖަކީ މީހަކު ބުނެގެން ގެންދިޔަ ލަގެޖެއް ކަމަށާއި އޭގައި މަސްތުވާތަކެތި ހުރި ކަމެއް ނޭނގޭ ކަމަށެވެ. ހަމައެހެންމެ ތުހުމަތު ކުރެވޭ މައްސަލައިގައި ހިމެނޭ އެއްވެސް ފަރާތަކާއެކު މުއާމަލާތް ކޮށްފާނުވާނެ ކަމަށް ވެސް ވަނީ އެމީހާ ވަނީ ބުނެފައެވެ.
ކޯޓުގައި ފުލުހުން ބުނީ އޭނާ އަމަލުތައް ހުރި ގޮތަށް ބަލާއިރު، އޭނާ އަމަލުކޮށްފައިވަނީ އެއާޕޯޓުގައި ކަނޑައެޅިފައިވާ ގަވާއިދާއި އުސޫލުތަކާއި ހިލާފަށް ކަމަށެވެ.
މިމައްސަލައިގައި ފުލުހުން ވަނީ ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައެވެ.



