ފަހު ހާފުގެ 63 ވަނަ މިނިޓްގައި ތަޕެލޯ މަސެކޯ ޖެހި ލަނޑަށް ރައްދެއް ނުދެވި، ސައުތު އެފްރިކާ އަތުން 1-0 އިން ބަލިވެ ސައުތު ކޮރެޔާއަށް ވޯލްޑް ކަޕްގެ ދެވަނަ ބުރުން ޖާގަ ހޯދަން ހުރަސްތައް ކުރިމަތިވެއްޖެއެވެ.
މީގެ ކުރިން ތިން ވޯލްޑް ކަޕްގައި ކުޅެ، ފުރަތަމަ ބުރު ފަހަނައަޅާ ނުދެވުނު ސައުތު އެފްރިކާ މިއަދު އެވަނީ ތާރީހު ބަދަލުކޮށްފައެވެ. މެޗު އެއްވަރުވެގެން ވެސް ސައުތު ކޮރެޔާއަށް ފުރުސަތު އޮއްވާ އެއަށް ޖާގަ ނުދީ ސައުތު އެފްރިކާ މިއަދު އެ ހޯދީ ގައުމީ އެހާމެ ބޮޑު އުފަލެއް ވެސް މެ އެވެ.
މެޗަށް ފަހު ކުޅުންތެރިން ދަނޑު މަތީގައި ވަރަށް ވަރުގަދައަށް އުފާފާޅުކުރި އެވެ.
ދެވަނަ ބުރުގައި ސައުތު އެފްރިކާ ނުކުންނާނީ ކެނެޑާއާ ދެކޮޅަށެވެ.
ވޯލްޑް ކަޕްގައި ސައުތު ކޮރެޔާއަށް އެފްރިކާގެ ގައުމުތަކުގެ މައްޗަށް ކުރި ހޯދުމަކީ އެހާ އާންމު ކަމެއް ނޫނެވެ. މި މެޗުގެ ކުރިން ވޯލްޑް ކަޕްގައި އެފްރިކާގެ ގައުމުތަކާ ހަތަރު ފަހަރެއްގެ މަތިން ވާދަކޮށް ސައުތު ކޮރެޔާއަށް މޮޅުވެވުނީ އެންމެ ފަހަރަކު އެވެ. އެއީ 2006ގެ ވޯލްޑް ކަޕްގައި ޓޯގޯ އަތުން 2-1އިންނެވެ. ދެން ކުޅުނު ތިން މެޗުން ނައިޖީރިޔާ (2010) އާއި އަލްޖީރިޔާ (2014) އަދި ގާނާ (2022) އަތުން ވީ ބައްޔެވެ.
ގްރޫޕް އޭގައި މެކްސިކޯ މިއަދު ވަނީ ޗެކް ރިޕަބްލިކް 3-0 އިން ބަލިކޮށް ގްރޫޕްގެ ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓް ހޯދައިފަ އެވެ.
ދެވަނަ މަގާމުގައި ސައުތު އެފްރިކާ ގަދަ 32އަށް ދިޔައީ ހަތަރު ޕޮއިންޓް ލިބިގެންނެވެ. ސައުތު ކޮރެޔާއަށް ތިން ޕޮއިންޓެވެ.
އެކަމަކު ތިންވަނަ ހޯދާ ގައުމުތަކުގެ ތެރެއިން އެންމެ ކުރީގައި އުޅޭ އަށް ގައުމަށް އޮތް ފުރުސަތު ސައުތު ކޮރެޔާއަށް އަދި ނުގެއްލެ އެވެ. މިވަގުތު ސައުތު ކޮރެޔާ އޮތީ އަށް ގައުމުގެ ލިސްޓުން ހަތަރު ވަނައިގައެވެ.




