ވެނެޒުއޭލާގެ ވެރިރަށް ކަރަކަސްއަށް ރޭ އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 164 އަރައިފިއެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ ((ޔޫއެސްޖީއެސް) އިން ބުނެފައިވާ ގޮތުގައި ވެނެޒުއޭލާއަށް ފުރަތަމަ ބިންހެލުން އައީ 7.2 މެގްނެޓިއުޑް ބާރުމިނުގައެވެ. އެ ބިންހެލުން އައިސްފައި ވަނީ ކަރަކާސްގެ ހުޅަނގުން ގާތްގަނޑަކަށް 284 ކިލޯމީޓަރު ދުރުގައި އޮންނަ ސެން ފެލިޕޭ ކައިރިއަށެވެ.
އަދި އޭގެ އިރުކޮޅެއް ފަހުން ވެރިރަށުގެ ހުޅަނގުން ގާތްގަނޑަކަށް 293 ކިލޯމީޓަރު ދުރުގައި އޮންނަ ޔޫމާރޭ ކައިރިއަށް 7.5 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވެއެވެ. މި ދެ ބިންހެލުމާއި ވެނެޒުއޭލާއަށް ފަހުން އައި ލޮޅުންތަކާ ގުޅިގެން ވަރަށް ގިނަ އިމާރާތްތަކެއް ވަނީ ބިމާ ހަމަވެފައެވެ.
ވެނެޒުއޭލާގެ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒް ވިދާޅުވީ ވެނެޒުއޭލާއަށް އައި ބިންހެލުންތަކާ ގުޅިގެން މިހާތަނަށް އައިއިރު 164 މީހުން މަރުވެ، 971 މީހުން ޒަހަމްވެފައިވާ ކަމަށެވެ. މި ބިންހެލުންތަކަކީ އެ ގައުމުގެ ތާރީޚުގައި އައި އެންމެ ބާރުގަދަ ބިންހެލުންތަކުގެ ތެރޭގައި ހިމެނޭ ބިންހެލުންތަކެކެވެ.
ވެނެޒުއޭލާގެ ކަރަކާސްއަށް އުފަން އުމުރުން 38 އަހަރުގެ އިންޖިނިއަރެއް ކަމަށްވާ ޖީސަސް އަލެހާންޑްރޯ ޕީނާ ހުރީ ބިންހެލުންތައް އައިއިރު، ހަތް ބުރީގެ އިމާރާތެއްގެ އެންމެ މަތީ ފަންގިފިލާގައެވެ. އޭނާ ބުނި ގޮތުގައި ލޮޅުންގަނޑު ވަރަށް ގިނައިރަށް ދެމިގެންދިޔައެވެ.
”އެއީ ވަރަށް ވަރުގަދަ ލޮޅުމެއް. އެ ލޮޅުން ދެމިގެންދިޔައީ ސީދާ ކިހާ އިރަކަށް ކަމެއް ނޭނގޭ. އެކަމަކު، ގާތްގަނޑަކަށް މިނެޓެއްހާއިރު ވާނެ،“ ޕިނާ ކިޔައި ދިނެވެ.
”ބިއްލޫރިތައް ދިޔައީ ތެޅެމުން. ފޮޓޯ ފްރޭމްތައް ވެއްޓެނީ. ޓީވީ ވެސް ވެއްޓުނު. ހުރިހާ އެއްޗެއް ވެއްޓުނު. ބޮކިތަކާއި ބިއްލޫރިން ހަދާފައި ހުރި ހުރިހާ އެއްޗެއް ދިޔައީ ތެޅެމުން. ތަނބުތަކާއި ބީމްތަކުން ވެސް ކިޔަމުން ދިޔައީ އަޑު،“
ބިންހެލުންތަކާ ގުޅިގެން އެމެރިކާގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ




