އެންމެ ބޮޑު ޔަގީންކަމެއް ދޭނި ފްލެޓްތައް އަދި ގޯތިތައް މިފަހަރު ލިބިގެންދާނީ އެންމެ ހައްގުވެރި ފަރާތްތަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ ގުޅިގެން މިރޭ ގެނެސްދިން ”ނޭޝަން ޗެޓް“ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ، މިދިޔަ ސަރުކާރުގައި ކަންކަން ކޮށްފައި ވަނީ ”އިނގިލި ދިއްކުރެވޭ“ ގޮތަށް ކަމަށާއި ނުފޫޒުގަދަ ފަރާތްތަކުން ވަކި ބަޔަކަށް ވަކި ގޮތަކަށް ފްލެޓާއި ގޯތި ދެމުންދިޔަ ވާހަކައަކީ އަބަދުވެސް ދެކެވެމުން ދިޔަ ވާހަކަތަކެއް ކަމަށެވެ.
”އަޅުގަނޑު އެންމެ މުހިންމު އިސްކަމެއްދޭ އެއްކަމަކީ ނުފޫޒުންނާއި ނުހައްގުން ފްލެޓާއި ގޯތި ދިނުން ނިމުމަކަށް ގެނެސްދިނުން. މިސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުއަކީ ނުފޫޒުން އެއްކިބާވެގެން ހިންގޭނެ މަޝްރޫއުއެއްކަން ޔަގީން. އެ ޔަގީންކަން އަޅުގަނޑު ދެން“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މިހާރު ފެށިގެންދާ މަސައްކަތުގެ ތެރެއިން ވަކި މީހަކު ބޭނުންވާ ގޮތަށް ވަކި އާއިލާއަކަށް ވަކިކަމެއް ވުމުގެ ފުރުސަތެއް އެއްވެސް ވަރަކަށް ނުދެއްވާނެ ކަމަށެވެ.
ހަމަ މި މޭރުމުން އެމަނިކުފާނު ވަނީ ވެރިރަށް، މާލޭ ސިޓީގެ އުމްރާނީ ތަރައްޤީއަށް ކުރެވެމުންދާ ބޮޑެތި ބައެއް މަޝްރޫޢުތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން، މާލޭ ސިޓީއަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ މަގުމަތީގެ މައްސަލަތައްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މުޅި މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމުގައެވެ. އެގޮތުން މަގުތަކުގެ ފެންވަރު ރަނގަޅުކުރުމާއި، ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ އިތުރުން، ޕާކިންގގެ މައްސަލައަށް ހައްލު ގެނައުމުގެ ޢަމަލީ މަސައްކަތް ކުރިއަށްދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމަމިއާއެކު، ފަރުދީ ޒިންމާވެސް އަދާކުރުން ވަރަށް މުހިންމުކަމަށާއި، އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ ހައްލު އަންނާނެކަމުގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.



