ސަރުކާރު ހިންގާ ޕީއެންސީ މެންބަރުންގެ މެދުގައި އޮތް ގުޅުން ހީނަރުކުރުމަށް ކުރާ މަސައްކަތް ކާމިޔާބު ނުކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެ ޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު ގެނެސްދިން ”ނޭޝަން ޗެޓް“ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުޢިއްޒު ވިދާޅުވީ މިހާރުގެ އިދިކޮޅު ފަރާތްތަކުން ޤައުމުގެ ވެރިކަން ކުރެއްވިއިރު ވެރިކަމުގެ ވަކި ހިސާބަކުން ޕާޓީ ތެރޭގައި ހަމަނުޖެހުން އެފެދި މައްސަލަތައް ޖެހުނުކަމަށެވެ. ޕީއެންސީގެ ގުޅުން ހީނަރު ކުރުމަށް މިހާރު އިދިކޮޅުން މަސައްކަތް ކުރަމުންދާ ކަމަށާއި އެކަން ކާމިޔާބުނުކުރެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ރަނގަޅަށް، ވަރަށް އެކުވެރިކަމާއެކީގައި އޮތީ ވަރަށް ރަނގަޅު އެކުވެރި ގުޅުމެއް. އެހެންނަމަވެސް މި ގުޅުން ހީނަރުކުރަން އަދި ބައިބައިކުރަން އެކި ފަރާތްތަކުން މަސައްކަތް ކުރޭ. އެހެންނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި ނެތް އެވާހަކަ އަޑުއަހާނެ ބަޔަކު. އަޅުގަނޑުމެންގެ އަޒުމު ވަރަށް ވަރުގަދަ. އަޅުގަނޑުމެން މިތިބީ ޤައުމަށް ޚިދުމަތްކުރުމަށްޓަކައި ރައްޔިތުން އަޅުގަނޑުމެންނާ ހަވާލުކުރި ޒިންމާ އަދާކުރުުމުގައި އިޚްލާސްތެރިކަމާއެކު މަސައްކަތް ކުރުމުގައި އަޅުަގަނޑުމެން އެންމެން އެ އަޒުމުގައި އެ ނިޔަތުގައި ކުރިއަށްމިދަނީ.“ ރައީސް ވިދާޅުވިއެވެ.
ޕީއެންސީގެ ކޮންގްރެސް އަވަސްކުރެއްވީ ޕާޓީގެ ތެރޭގައި ހަމަނުޖެހުން އުފެދިދާނެތީ ކަމަށް ބަޔަކު ތުހުމަތުކުރި ނަމަވެސް ތާރީޚު އަވަސްކުރީ ކުރީގެ ތާރީޚާއި އޯލެވެލް އިމްތިހާނާ ދިމާވާތީ ކަމަށް ރައީސް ވިދާޅުވިއެވެ. މިހާރުވެސް ޤާނޫނުގައި ކޮންގްރެސް ބާއްވަން ކަނޑައަޅާފައި އޮތް މުއްދަތު ހަމަވެފައިވާކަމަށާއި އެއީވެސް ކޮންގްރެސް އަވަސްކުރެއްވި ސަބަބެއް ކަމަށް ރައީސް ވިދާޅުވިއެވެ.



