ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކާރިސާތަކާއި ކުއްލި ހާލަތްތައް މެނޭޖްކުރުމުގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (އެމްއެމްއެސް) އަދި މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރްސީ) އާއެކު މިއަދު ފަހުމުނާމާތަކެއްގައި މި ކުންފުނިން ސޮއިކޮށްފިއެވެ.
މިކަމަށްޓަކައި ހުޅުލޭ އައިލެންޑް ހޮޓެލްގައި ”އެއާޕޯޓް ކްރައިސިސް މެނޭޖްމަންޓް“ ގެ ނަމުގައި ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދާއި، އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް މިމްރާހުގެ އިތުރުން އެ ކުންފުނީގެ އިސްވެރިންނާއި ކަމާގުޅޭ މުއައްސަސާތަކުގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ފަހުމުނާމާތަކުގެ ސަބަބުން ކުއްލި ނުރައްކަލުހެ ހާލަތްތަކަށް އެއަރޕޯޓުން ވެފައިވާ ތައްޔާރީތައް އިތުރަށް ހަރުދަނާވެގެންދާނެކަން އެމްއޭސީއެލްއިން ފާހަގަކޮށްފައިވެއެވެ. ރާއްޖޭގެ މައި އެއާޕޯޓުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހުރިހާ އިދާރާތަކެއް ގުޅިގެން މަސައްކަތްކުރުމާއި، މުޢާމަލާތުކުރުމުގެ ނިޒާމު ހަރުދަނާކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އެ ކުންފުނިން ދެކިފައިވެއެވެ.
މި ފަހުމުނާމާތަކުގެ ދަށުން އެމްއޭސީއެލް އާއި އެހެނިހެން އިދާރާތަކާ ދެމެދު ރަސްމީ އޮނިގަނޑެއްގެ ތެރެއިން ރަސްމީކޮށް އެއްބާރުލުން ދިނުމަށް މަގުފަހިވެގެންދާނެއެވެ. މީގެ ތެރޭގައި ކޮންމެ މުއައްސަސާއެއްގެ ދައުރު ސާފުކޮށް ކަނޑައެޅުމާއި، ކުއްލި ހާލަތްތަކުގައި ގުޅިގެން ހަރަކާތްތެރިވާނެ ގޮތުގެ ތަމްރީނުތަކާއި ސިމިއުލޭޝަންތައް ހިންގުން ހިމެނެއެވެ.
މި ފަހުމުނާމާގައި ސޮއި ކުރެއްވި އެންމެހާ އިދާރާތަކަށް އެމްއޭސީއެލްއިން ވަނީ ޝުކުރު އަދާކޮށްފައެވެ. މި ފުރުސަތުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ މިފަދަ ހާލަތަކަށް ތައްޔާރުވެފައިވާ، ރައްކާތެރި ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަމުންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.



