ރ. އަލިފުށީގައި ތަރައްޤީކުރާ އެއާޕޯޓާއި ހޮސްޕިޓަލް މަޝްރޫޢުގެ މަސައްކަތް ނިންމާ މި ދައުރުގެ ތެރޭގައި ހުޅުވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އަލިފުށީ ހޮސްޕިޓަލުގެ މަސައްކަތް ހުއްޓިފައިވާކަމަށްބުނެ ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އަލިފުށީގައި ތަރައްޤީކުރަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ. މިއީ 128 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2 އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.
ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ދާއިރާއަކީ ސިއްހީ ދާއިރާއެވެ. މިއަހަރުގެ ބަޖެޓުން އެންމެ ގިނަ މަޝްރޫޢުތައް މިހާރު ހަވާލުކުރެވިފައިވާ އަދި ހަވާލުކުރުމަށް ތާވަލުކުރެވިފައިވާ އެއް ދާއިރާއަކީވެސް ސިއްހީ ދާއިރާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު ސިއްހީ ނިޒާމު އޮތީ ވަރަށް ނިކަމެތި ޙާލަތެއްގައިކަން ފާހަގަކުރައްވައި، އެމަނިކުފާނު ވިދާޅުވީ، މިހާރު ކުރަމުންދާ މަސައްކަތްތަކަކީ ހުރިހާ ފަރާތްތަކަކަށްވެސް ފުރިހަމަ ޚިދުމަތް ލިބޭނެ ފަދަ ވަށާޖެހޭ ސިއްހީ ނިޒާމެއް ޤާއިމުކުރުން ކަމަށެވެ. ބައެއް މަޝްރޫޢުތައް ބޭނުންވާ މިންވަރަށް ބާރުމިނުގައި ކުރިއަށް ނުދާކަން ފާހަގަކުރައްވަމުން، އެމަނިކުފާނު ވިދާޅުވީ ރ. އަލިފުއްޓަކީ ސަރަޙައްދީ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރާ ރަށަކަށް ވުމާއެކު، އެ ރަށުގެ އެއާޕޯޓާއި ހޮސްޕިޓަލްގެ މަޝްރޫޢު ހިމެނޭހެން ވެވަޑައިގެންފައިވާ ހުރިހާ ވަޢުދުތަކަކީވެސް ޚާއްޞަ ސަމާލުކަމެއްދީގެން ކުރިއަށްގެންދާނެ ކަންކަން ކަމަށެވެ.
”ދެ މަސައްކަތްވެސް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއި. އެމްޓީސީސީއަށް ބޭނުންވާ ސާމަނު ގަތުމަށް ބޭނުންވާ ފައިނޭންސް ވަނީ ހަމަޖެހިފައި. މާ ލަސްތަކެއްނުވެ އެމްޓީސީސީގެ ފަރާތުން އެ މަޝްރޫއަށް ބޭނުންވާ ސާމާނު ހޯދާ މަސައްކަތް ފެށިގެންދާނެ. މި ދެ މަޝްރޫޢު މި ދައުރުގެ ތެރޭގައި ނިންމާ ހުޅުވާނަން“ ރައީސް ވިދާޅުވިއެވެ.
ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގެ މަސައްކަތްތައް ނިންމުމަށްޓަކައި ޚާއްސަ ތާވަލެއް އެކުލަވައިލާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދައުރުގެ އެކި ދުވަސްވަރުތަކަށް ބަހާލައިގެން އެ މަޝްރޫއުތައް ނިންމުމަށް އަމާޒު ހިފާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަލިފުށީގައި މިހާރު ޚިދުމަތް ދެނީ ޞިއްޙީ މަރުކަޒަކުންނެވެ. ހޮސްޕިޓަލް އިމާރާތާއެކު ޖާގަ ތަނަވަސްވެ، އަލުފުށީގައި ސްޕެޝަލިޓީ ޑޮކްޓަރުންގެ ޚިދުމަތް ފުޅާވެގެންދާނެއެވެ.
އަލަށް އިމާރާތްތަކުރާ ހޮސްޕިޓަލްތަކަކީ ކޯވިޑް ފަދަ ބަލިތަށް ފެތުރޭ ޙާލަތް ތަކުގައި ހޮސްޕިޓަލުގެ އޮޕްރޭޝަން ނުހުއްޓި ކުރިޔަށް ގެންދެވޭ ގޮތަށް ފްލޫ ކްލިނިކާއި، އައިސޮލޭޝަން ފެސިލިޓީ ހިމެނިގެން ހެދޭ ހޮސްޕިޓަލްތަކެކެވެ. މީގެ އިތުރުން ހޮސްޕިޓަލުން ބޭނުންކުރާ ހަކަތައަށް ކުރާ ޚަރަދު ކުޑަ ކުރުމުގެ ގޮތުން މި ޕްރޮޖެކްޓުގެ ދަށުން ކޮންމެ ހޮސްޕިޓަލެއްގައި ސޯލަރ ޕީވީ ސިސްޓަމް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.



