މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ގޯތި ލިބޭ އެންމެނަށް މިއަހަރުގެ ތެރޭގައި އެކަން އަންގާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މި ސަރުކާރުން ދޭން ނިންމާފައިވާ ފްލެޓާއި ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވީ މިމަހުގެ 15 ވަނަދުވަހުގެ ރޭ ދަންވަރު 2:00 ގައެވެ. ވަގުތު ހަމަވިއިރު މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް ޖުމްލަ 58،505 ފޯމު ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ. އެއީ ފްލެޓަށް އެދި ހުށަހެޅި 35،930 ފޯމާއި ގޯއްޗަށް އެދި ހުށަހެޅި 22،575 ފޯމެވެ.
ރައީސް މުޢިއްޒު ވިދާޅުވީ މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއަށް އެއްވެސް މީހެއްގެ ނުފޫޒު ނުވަންނާނެ ކަމަށެވެ. އެހެންކަމުން މިހާރު ހިނގާ ވެރިފިކޭޝަން މުއްދަތު ނިމެނޭ ތާރީހެއް އަދި ސީދާ ކަނޑައަޅާފައި ނުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މާލޭ ސަރަހައްދުން ގޯތި ލިބޭ މީހުންނަށް ގޯތި ލިބުނުކަން މިއަހަރުގެ ތެރޭގައި އަންގާނެކަމަށް ރައީސް ވިދާޅުވިއެވެ.
”ފަހުގެ ތާރީހެއްގައި އަދި ޑޭޓް އިއުލާންކުރާނަން، މި އަހަރުގެ ތެރޭގައި ގޯތި ލިބޭ ހުރިހާ އެންމެންގެ ލިސްޓް ވެރިފައިކޮށް ނިންމާ، ލިބޭނެކަން އެފަރާތްތަކަށް އެނގިގެންދާނެ“ ރައީސް މުއިއްޒު ވިދާޅުވިއެވެ.
މި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫތަކެއް މި ދައުރުގެ ތެރޭގައި ނިންމައި ދައުރު ނިމުމުގެ ކުރިން އެތަންތަނަށް މީހުން ވައްދާނެކަމަށް ރައީސް މިއަދު ވަނީ ވިދާޅުވެފައެވެ.



