މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، އަމިއްލަ އިސްނެގުމުގެ މަތިން އާންމުކުރަންޖެހޭ އެންމެހާ މައުލޫމާތުތައް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ވެބްސައިޓުގައި އާންމުކޮށްފިއެވެ.
މިއާއެކު، ސަރުކާރު ހިއްސާވާ ކުންފުނި (އެސްއޯއީ) ތަކުގެ ތެރެއިން މި މައުލޫމާތު ހާމަކުރި ފުރަތަމަ ކުންފުންޏަކަށް އެޗްޑީސީ މިވަނީ ވެފައެވެ.
އާރްޓީއައި ގާނޫނުގެ 37 ވަނަ މާއްދާގައިވާ ގޮތުން، ދައުލަތުގެ މުއައްސަސާތަކުން އަމިއްލަ އިސްނެގުމުގެ މަތިން 13 ބާވަތެއްގެ މައުލޫމާތު ހާމަކުރަންޖެހެއެވެ. އޭގެ ތެރޭގައި، އެ އިދާރާއެއްގެ މަސްއޫލިއްޔަތުތަކާއި، އޮނިގަނޑާއި ވާޖިބު އަދި، އެ އިދާރާއެއްގެ އަހަރީ ބަޖެޓާއި ކުރަން ރާވާފައިވާ ހަރަދުތަކާއި، އެ އިދާރާއެއްގެ މުވައްޒަފުންނަށް ވަކިވަކިންދޭ އުޖޫރައިގެ އިތުރުން، އެ އިދާރާއެއްގެ ނިންމުންތައް ނިންމުމަށް އޮންނަ މަރުހަލާ ނުވަތަ ޒިންމާކުރުން ރޭވިފައި އޮންނަ ގޮތްތައް ވެސް ހިމެނެއެވެ.
މިއީ ރައްޔިތުންގެ މަސްލަހަތަށްޓަކައި، މަދުވެގެން އަހަރަކު އެއްފަހަރު އާންމުކުރަންޖެހޭ މައުލޫމާތަކަށް ވާއިރު، އެޗްޑީސީގެ ރަސްމީ ވެބްސައިޓުގައި މިކަމަށް ހާއްސަ އިންފޮމޭޝަން ޑައިރެކްޓްރީއެއް ގާއިމުކޮށް، އެ ހުރިހާ މައުލޫމާތެއް އާންމުންނަށް ބެލޭނެހެން މިހާރު ވަނީ އާންމުކޮށްފައެވެ. އަދި މިގޮތަށް މައުލޫމާތު އާންމުކުރި ފުރަތަމަ އެސްއޯއީއަކަށް އެޗްޑީސީ ވެގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމުގައި އެ ކޯޕަރޭޝަނުން ދެކެއެވެ.
ގާނޫނުގައިވާ ގޮތުގެ މަތިން ދައުލަތުގެ އިދާރާތަކުން އަމިއްލައަށް އިސްނަގައިގެން ހާމަކުރަންޖެހޭ މައުލޫމާތުތައް ސަރުކާރުގެ ހުރިހާ މިނިސްޓްރީތަކުން މިހާރު ވަނީ އާންމުކޮށްފައެވެ. މިއީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް 2014 ވަނަ އަހަރު އަމަލުކުރަން ފެށި ފަހުން މިގޮތަށް ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހާމަކުރި ފުރަތަމަ ފަހަރެވެ.
އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަނީ ވީހާވެސް ހާމަކަންބޮޑު ގޮތެއްގައި ކުންފުނީގެ ކަންކަން ރާވައި، ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ކަމުގައި އެ ކޯޕަރޭޝަނުން ބުންޏެވެ.




