ބަނޑޭރިކޮށީގައި މީހުން ބޭނުން ނުކޮށް ފަޅަށް ހުރި އެޕާޓްމެންޓެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ވަޅުލައިފިއެވެ.
އެ އެޕާޓްމެންޓެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނުނު ގދ. ހޯޑެއްދޫ، ވިލިނގިލީގެ 30 އަހަރުގެ ހައްމާދު ސަޢީދު ނަމަކަށް ކިޔާ މީހެއްގެ ހަށިގަނޑެވެ.
މަރުވެފައި އޮތް ހައްމާދުގެ ހަށިގަނޑު ފުލުހުންނަށް ފެނިފައިވަނީ ލިބުނު މައުލޫމާތަކާއި ގުޅިގެން ބަނޑޭރި ކޮށީގައި ހުރި އެޕާޓްމަންޓު ބަލައި ހޯދުމުންނެވެ.
ބަނޑޭރިކޮށީގައި މިވަގުތު އެއްވެސް ބަޔަކު ބޭނުން ނުކުރާ އެޕާޓްމަންޓެއްގައި ހައްމާދު މަރުވެފައި އޮއްވާ ފެނުނީ މިމަހުގެ 13 ވަނަ ދުވަހު އެވެ. އަދި ހައްމާދުގެ ހަށިގަނޑު ޕޯސްޓްމޯޓަމަށް ފޮނުވާފައި ވަނީ މިމަހުގެ ވިހިވަނަ ދުވަހުގައެވެ.
ފުލުހުން ބުނެފައިވަނީ އޭނާގެ ހަށިގަޑު މިއަދު ވަނީ އާއިލާއާ ހަވާލުކޮށްފައި ކަމުގައެވެ. ހައްމާދު މަރުވެފައި އޮއްވާ ފެނުނުތާ ތޭރަ ދުވަސްފަހުން މިއަދު އާއިލާއާ ހަށިގަނޑު ހަވާލުކޮށްފައިވާއިރު ފުލުހުން ބުނެފައި ވަނީ އޭނާގެ އޮޓޮޕްސީ ރިޕޯޓް ލިބެން އަދި ދުވަސްކޮޅެއް ވާނެ ކަމުގައެވެ.
ހައްމާދުގެ ހަށިގަނޑު ވަޅުލާފައި ވަނީ އާސަހަރާގައެވެ.
ހައްމާދަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައި ވަނިކޮށް މިދިޔަ ސަރުކާރުގައި ޖަލުން މިނިވަންކޮށްފައިވާ ފަރާތެއް ކަމަށް މައުލޫމާތު ލިބިފައިވީ ނަމަވެސް އޭނާގެ މަރާ މަސްތުވާތަކެތީގެ އެއްވެސް ކަމަކާ ގުޅުމެއް ހުރިކަމުގެ މައުލޫމާތެއް އެނގިފައިނެތެވެ.




