މީގެ ހަ މަސް ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވިފަހުން ދެ ވަނަ ފަހަރަށް އެސްޓީއިން ވިއްކާ ތެލުގެ އަގު ހެޔޮކުރަން އެ ކުންފުނިން ނިންމައިފިއެވެ.
އެސްޓީއޯ އިން ބުނީ ދުނިޔޭގެ ބާޒާރުގައި ތެޔޮ ގަންނަން ލިބޭ އަގު ހެޔޮވުމާއި ގުޅިގެން ތެލުގެ އަގަށް މިގެނައި ބަދަލާއިއެކު، ޑީސަލް ލީޓަރަކުން 70 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 35 ލާރި ކުޑަ ވާނެ ކަމަށެވެ.
މި ބަދަލާއިއެކު ފިއުލް ސަޕްލައިސް މޯލްޑިވްސް ގެ ސްޓޭޝަން ތަކުން 27 މެއި 2024 އިން ފެށިގެން ޕެޓްރޯލް ލީޓަރެއް 13.98 ރުފިޔާއަށް، އަދި ޑީސަލް ލީޓަރެއް 13.92 ރުފިޔާއަށް ލިބިގެން ދާނެ ކަމަށް އެސްޓީއޯ އިން ބުންޔެވެ.
މިދިޔަ ޑިސެމްބަރު މަހުވެސް އެސްޓީއޯ އިން ވަނީ ތެލުގެ އަގު ހެޔޮކޮށްފައެވެ. އެމަހު ތެލުގެ އަގަށް ގެނެވުނު ބަދަލާއިއެކު، އޭރު ޕެޓްރޯލް ލީޓަރެއް ލިބެމުން އައީ 14.33 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއް އޭރު ލިބެނީ 14.62 ރުފިޔާއަށެވެ.
އެސްޓީއޯއިން އިން އަބަދުވެސް މަސައްކަތް ކުރާނީ އެ ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތައް ހުއްޓުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދިޔުމަށް ކަމަށް އެ ކުންފުނިން ބުންޔެވެ. އަދި ދުނިޔޭގެ ބާޒާރުގައި ތެޔޮ ގަންނަން ލިބޭ އަގަށް އަންނަ ބަދަލުތަކާއިއެކު ރާއްޖޭގައި ވިއްކާ އަގުތަށްވެސް ބަދަލު ކުރަން ދާނެ ކަމުން ޔަޤީން ކަސްޓަމަރުންނަށް އަރުވާ ކަމަށް އެސްޓީއޯއިން ބުންޔެވެ.



