ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރުމަކީ މިވަގުތު އޮތް ބޮޑު ގޮންޖެހުމެއް ކަމަށާއި، އޮޕަރޭޝަނަލް ޚަރަދުތަކާ އަޅާބަލާއިރު ދަތުރުކުރާ މީހުން އެވަރަށް ނެތް ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު، އެތެރޭގެ އުދުހުންތަކުގެ އަގުތަކާ ގުޅޭގޮތުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވަނީ ގައުމީ އެއާލައިން މޯލްޑިވިއަން ހިންގުމުގައި ހުރި ދަތިތަކުގެ ހިއްސާކުރައްވާފައެވެ.
މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖޭގައި މޯލްޑިވިއަނަށް މިހާރު ވެސް ބޭނުންކުރަނީ ދުނިޔޭގެ ފެންވަރުގައި އެންމެ މަގުބޫލު އަދި ރައްކާތެރިކަމުގެ ގޮތުން އެންމެ ރަނގަޅު އޭޓީއާރް މަރުކާގެ ބޯޓުތައް ކަމަށެވެ. ނަމަވެސް މި ބޯޓުތައް އޮޕަރޭޓްކުރުމަކީ ބޮޑު ހަރަދެއް ހިނގާ ކަމެއްކަން ފާހަގަކުރެއްވިއެވެ.
”މިހާރުވެސް މި އޮޕަރޭޝަނަލް ކޯސްޓަށްވުރެ، މި ދެންނެވި ޑިމާންޑް ރާއްޖޭގައި، މީހުންގެ އަދަދަށް ބަލައިފައި، އިންޖިން މެއިންޓެނެންސްއާއި އޮޕަރޭޝަނަލް ކޯސްޓަށްވުރެ ބޮޑުކޮށްނެއް ނޫން ޓިކެޓުގެ އަގުތައް މި ހުންނަނީ“ އަމީން ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ އެއާލައިންތަކުގެ އަގުތައް 30 އާއި 40 އިންސައްތައަށް އުފުލިފައިވީ ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާއެކު ދިވެހި ސަރުކާރުން ވަނީ ރާއްޖޭގައި ރައްޔިތުންނަށް އެ ބުރަ ނުޖައްސައި، އަގުތައް އެއްވަރެއްގައި ހިފަހައްޓާފައި ކަމަށެވެ.
އެތެރޭގެ އުދުހުންތަކުގެ އަގު ދަށްކުރުމުގައި އޮތް އެންމެ ބޮޑު ހުރަހަކީ ރަނގަޅު އޮޕަރޭޝަނެއް ހިންގުމަށް ބޭނުންވާ ވަރަށް ޕެސިންޖަރުން ނެތުން ކަމަށް ވެސް އަމީން ވިދާޅުވިއެވެ.
ގައުމީ އެއާލައިން، މޯލްޑިވިއަން ތަރައްގީކުރުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރައީސްގެ ވައުދުފުޅާ އެއްގޮތަށް ދެވަނަ ވައިޑް ބޮޑީ އެއާކްރާފްޓެއް ހޯދުމުގެ މަސައްކަތް މިހާރު ނިމުމަކާ ހިސާބަށް އައިސްފައިވާ ކަމަށެވެ.




