ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ”އިންވެސްޓްމަންޓްސް“ގެ ނަމުގައި އައު ޚިދުމަތެއް ތަޢާރަފުކޮށް، އާންމުންނަށް އެ ބޭންކުގައި ޑޮލަރު އިންވެސްޓްކުރެވޭނެ ގޮތް ހަދައިފިއެވެ.
މި ޚިދުމަތް ތަޢާރަފުކޮށްފައިވަނީ ”ޗެޓް ވިތު ސީއީއޯ“ގެ ނަމުގައި ބީއެމްއެލްއިން މިއަދު ހޮޓެލް ޖެންގައި ބޭއްވި ހަފްލާގައެވެ.
ކޮންމެ ދުވަހަކަށް ހުޅުވާލެވޭ އެކި މިންވަރަށް ފައިދާލިބޭ އިންވެސްޓްމެންޓް ޕޫލްތަކުގެ ތެރެއިން އެވަގުތަށް އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ޕޫލްތަކުގެ މައުލޫމާތު ލިބިގަތުމާއެކު، އިންވެސްޓްކުރުމުގެ މުއާމަލާތް އޮންލައިންކޮށް ފަސޭހަކަމާއެކު ފުރިހަމަކުރެވޭނެ ގޮތް ބޭންކްގެ މޯބައިލް އެޕް އަދި އިންޓަރނެޓް ބޭންކިންގ ތެރެއިން ވަނީ ތަޢާރަފުކޮށްފައެވެ.
މިގޮތުން އިންވެސްޓްކުރާ ޑޮލަރުގެ އަދަދަށްވާ ދިވެހި ރުފިޔާ އިންވެސްޓްކުރާ ފަރާތުގެ އެކައުންޓަށް ވަގުތުން ޖަމާވާނެއެވެ. އަދި އިންވެސްޓްމަންޓްގެ ފައިދާ ޖެހިގެން އަންނަ ދުވަހު ކަސްޓަމަރުގެ ރުފިޔާ އެކައުންޓަށް ޖަމާވާނެއެވެ. އިންވެސްޓްމެންޓްތައް ހުޅުވާލެވިފައިވަނީ އެކި މިންވަރަށް ފައިދާލިބޭ ޕޫލްތަކުގެ ގޮތުގައިކަމަށް ވާއިރު، %25 އާ ހަމަޔަށް ފައިދާ ލިބޭނެ ފުރުސަތު ފަހިވެގެންދާނެކަމަށް ބީއެމްއެލްއިން ބުންޏެވެ.
މި ޚިދުމަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، މި ޚިދުމަތަކާއެކު ކޮންމެ މީހަކަށްވެސް އެ ބޭންކުގައި ޑޮލަރު އިންވެސްޓްކޮށް ފައިދާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި މިއީ ބޭންކުން ކުރާ މުއާމަލާތްތަކަށް ބޭނުންވާ މިންވަރަށް ޑޮލަރު ހޯދުމަށްޓަކާ، އިތުރު އިންވެސްޓަރުން ހޯދުމުގެ ބޭނުމުގައި ތަޢާރަފުކުރި ޚިދުމަތެއްކަމަށް ސީއީއޯ ވިދާޅުވިއެވެ.
”ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން މިފަދަ ރަނގަޅުފައިދާއެއް ލިބޭ އިންވެސްޓްމެންޓް ޕޫލްތަކުގައި އިންވެސްޓްކުރުމުން، އީކޮމާސް ރީޓެއިލް ސައިޓްތަކުން ކުރާ މުޢާމަލާތް ތަކާއި ފީނަގާ އެހެން ބައެއް މުޢާމަލާތްތަކުގައި އިންވެސްޓް ކުރުމަށްފަހު އެ މުޢާމަލާތްތަކުން ލިބޭ ފީ އެ މުޢާމަލާތް ހިންގުމުގެ ޚަރަދު ކެނޑުމަށްފަހު އިންވެސްޓް ކުރާ ފަރާތަށް މިދެނީ. މީގެ ސަބަބުން ބޭންކަށް ޑޮލަރުލިބި، އެ ޑޮލަރު ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ފޯރުކޮށްދެވޭނެ. މީގެ ތެރޭގައި ކާޑުޕޭމަންޓްތަކާއި، އީ-ކޮމާސް ވިޔަފާރިތަކާއި، މުދާ އިމްޕޯޓްކުރުން ހިމެނޭ. މީގެ ނަތީޖާއަކީދެމެހެއްޓެނިވި، ހުރިހާ ފަރާތްތަކަށްވެސް މަންފާ ލިބޭނެ، ނިޒާމެއް ގާއިމްވެގެން ދިޔުން.“ ސީއީއޯ ޝަރީފް ވިދާޅުވިއެވެ.



