ނުބެހޭ ކަންތައްތަކާ ބެހުމަކީ ޒަމާނުއްސުރެ ގިނަ ދިވެހީންގެ ކަށީގައި ހިފާފައި ހުންނަ ނުބައި އާދައެކެވެ. ޒަމާން ކިތަންމެ ތަރައްޤީވިޔަސް، ޒަމާނާއެކީ އަންނަ ބަދަލާ އެއްގޮތަަށް ތިމާގެ ފޭރާން އެޅުން ބަދަލުވިޔަސް، މިފަދައިން ނުބެހޭ ކަންކަމާ ބެހުމާއި، މީހުންނަށް ފުރައްސާރަ ކުރުންފަދަ ނުބައި އާދަކާދަތައް ގިނަ ދިވެހީން ނުހުއްޓާކަމަކީ ހިތާމަހުރި ކަމެކެވެ.
ޚާއްސަކޮށް މިހާރު، ސޯޝަލް މީޑިއާގެ ގިނަ މަންސަތައް ބައެއް މީހުުން ބޭނުން ކުރަނީ މިބުނި ފަދައިން ކޮންމެވެސް ބައެއްގެ ޒާތީ ކަންތައްތަކާބެހި، ފުރައްސާރަ ކުރުމަށެވެ. ބައެއް މީހުން ކާކުކަން ނޭނގޭގޮތަށް އެކި ޕޭޖުތައް ހަދައިގެން، އަނެއްބަޔަކު ސިއްރު އައިޑީ ހަދައިގެން އަދި އަނެއް ބަޔަކު ހަމަ ވަރަށް ފާޅުގައިވެސް މިފަދަ ކަންކަން ދަނީ ކުރަމުންނެވެ.
މިފަހުންވެސް މިވަނީ މިފަދަ ހާދިސާއެއް ސޯޝަލް މީޑިއާގައި ހިނގާފައެވެ. ދިވެހި ފިލްމު އެކްޓަރ އަދި ޕްރޮޑިއުސަރ އަބްދުﷲ މުއާޒް، އޭނާގެ ދަރިފުޅު ރޫބީއަަށް، އުފަންދުވަހުގެ ތަހުނިޔާއާއެކު އަސަރުން ފުރިގެންވާ ވަރަށްވެސް ރީތި ޕޯސްޓެއް ހިއްސާކުރުން ވެގެންދިޔައީ ސޯޝަލް މީޑިއާގައި ބައެއް މީހުން އޭނާ ”ރޮލައި ކާލަން“ ލިބުނު ފުރުސަތަކަށެވެ.
ދަރިފުޅާއެކު ނަގާފައިވާ ފޮޓޯތަކަކާއެކު، މުއާ ވަނީ އޭނާގެ ދަރިފުޅު ދެކެ ލޯބިވާ ވާހަކައާއި އަބަދުވެސް ދަރިފުޅާމެދު ފަޚުރުވެރިވާކަމަށް ބުނެފައެވެ. އަދި ކޮންމެ ކަމަކާ ކުރިމަތިލާން ޖެހުނަސް، ސާބިތުކަމާއެކު އަމިއްލަ ނަފްސަށް އިތުބާރުކުރުމުގައި ދަރިފުޅު ދެމިހުރުމަށާއި އެހެން މީހުންގެ އެހީތެރިކަމަކީ ވަގުތާއި ހާލަތުގެ ގޮތުން ލިބޭނެ ފުރުސަތެއްކަން ދަނެ، އެންމެ ގޮތަކުން ކަންކަން ހާސިލުނުވިޔަސް ގޮތްހުސްނުވެ، އާ ގޮތްތައް ހޯދަން މަސައްކަތްކުރުމަށް މުއާ ނަސޭހަތްތެރިވެ، ދިރިއުޅުމުގައި އެންމެ މުހިންމީ އަމިއްލަ ނަފްސަށް އިތުބާރުކޮށްގެން ހިތްވަރާއެކު ކުރިއަށް ދިޔުން ކަމުގައިވެސް ބުނެފައެވެ.
މުއާގެ މި ރީތި ޕޯސްޓު އިސާހިތަކު ސޯޝަލް މީޑިއާގައި އުޅޭ ގޮތް ނިންމައި ޣާޒީންގެ ލޮލުގައި އަޅައިގަންނަން ގިނަ ވަގުތުތަކެއް ނުނެގިއެވެ. އެ ޕޯސްޓާމެދު މީހުންގެ ހިތްތަކުގައި އިތުރަށް ނުރަނގަޅު ހިޔާލުތައް އުފެއްދުމަކީ އެމީހުންގެ ދިރިއުޅުމުގެ މިވަގުތުގެ މަޤްސަދު ކަމުގައިވެސް ހެދިއެވެ.
އެގޮތުން އެންމެ ފުރަތަމަ އެ ޕޯސްޓަށް ހަޖޫޖަހައި، ފުރައްސާރަ ކުރީ ފޭސްބުކް ޕޭޖަކުންނެވެ. މުއާގެ ޕޯސްޓުގެ ސްކްރީންޝޮޓަކާއެކު އެ ޕޭޖުން ފުރަތަމަވެސް ބުނީ، ދަރިފުޅަށް އެހާ ރަނގަޅު ނަސޭހަތެއް ދިންއިރު އައުރަ ނިވާކުރަން ޖެހޭނެކަން ބުނެނުދީ ހުރި ކަމަށެވެ. އަދި ތިބީ ”ހެދުން ލައިގެން އޮރިޔާމުން“ ކަމުގައިވެސް ބުންޏެވެ.
ދެން ފެނުނީ އެ ޕޭޖުގެ ޕޯސްޓަށް ބައެއް މީހުން ކޮށްފައިހުރި ކޮމެންޓިތަކެވެ. އެއީ އަންހެން ދަރިންނަށް ލޯބި ދޭންވީ ގޮތެއް ނޫން ކަމަށާއި ދަރިފުޅާއެކީގައި ފޮޓޯ ނަގާފައިހުރީ ”މުޑުދާރުކޮށް“ ކަމުގައި ވެސް ބުނެފައިވެއެވެ. އަދި ބައްޕައާއި ދަރިފުޅުވެސް ހުރީ ހަރާމް ހަލާލް ވަކިނުވާ ހިސާބުގައި ކަމަށް ވެސް ބުނެފައިވެއެވެ.
އެއަށްފަހު އެހެން މީހެއްގެ ޕޯސްޓަކުން ފެނުނީ، ދަރިފުޅާއެކު ފޮޓޯ ނަގާފައިހުރީ އަނބިމީހާއާއެކު ފޮޓޯ ނަގާ ފަދައިން ކަމަށެވެ.
މިފަދަ ޕޯސްޓުތަކާއި ކޮމެންޓުތައް ކިޔާފައި އަންތަރީސްވިއެވެ. މިއީ ހަމަ ބައެއް ދިވެހީންގެ ވިސްނުން މިހާރު ހުރި ފެންވަރުބާއޭވެސް ހިތައް އެރިއެވެ.
ދަރިއަކާ ބައްދާލައިގެން، އޭނާގެ ކޮލަށް ބޮސްދިނުން ހަޑިކަމަކަށް ވަނީ ކިހިނެއް ހެއްޔެވެ؟
ބައެއް ބަފައިން ނުވަތަ އާއިލާ މީހުން އެމީހުންގެ ދަރިންނަށް ނުވަތަ އާއިލީ ގުޅުން އޮންނަ ކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތައް އިތުރުވަމުން އަންނަކަން ޤަބޫލުކުރަމެވެ. ފަހަރުގައި ސޯޝަލް މީޑިއާގެ އެބަޔަކަށް މިކަން ސިފަވީ އެފަދަ ގޮތަކަށް ކަމަށް ވެސް ވެދާނެއެވެ. ނަމަވެސް އެފަދަ މައްސަލައެއް ފެންމަތިނުވާ، އަދި އެފަދަ ހެއްކެއްވެސް ލިބިފައިނުވާއިރު މިފަދައިން ބަސްބުނެ ތުހުތަމުކުރުން ގޯހެވެ. މިފަދަ ވަހުޝީ ހިޔާލުތައް ގެންގުޅުން ވެސް ގޯހެވެ.
އުމުރުން އެންމެ 12 އަހަރުގެ ކުޑަކުއްޖަކު، އައުރަ ނިވާ ނުކޮށް ހުރިއްޔޭ ކިޔާފައި އެ ބަޔަކު މިވަނީ އެ ކުޑަކުއްޖާއަށް ވެސް ފުރައްސާރަ ކޮށްފައެވެ. އަދި އެއަށް ތާއީދުކޮށް ރައްދު ދިން މީހުން މިވަނީ އެއީ ”ނޯމަލް“ ކަމަކަށް ވެސް ހަދާފައެވެ.
ދީނާއި ބެހޭގޮތުން ވެސް އަދި އެހެން ކަންކަމުގައި ވެސް، މީހަކަށް ނަސޭހަތެއް ދޭންވާނީ އެ ނަސޭހަތް ޤަބޫލުކުރަން ފަސޭހަވާނެ އަދި އަޑުއެހޭނެފަދަ ގޮތަކަށެވެ. ފުރައްސާރަ ކުރުމަކީ އެގޮތެއް ނޫނެވެ!




