ފަތުރުވެރިކަމުގެ ބޮޑު ފެއާއެއް ކަމަށްވާ ”އައިޓީބީ ޗައިނާ“ މިއަދު ފަށައިފި އެވެ.
މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށް ކުރިޔަށްދާ މި ފެއާގައި ދުނިޔޭގެ 80 ގައުމަކުން 600 އެގްޒިބިޓަރުން ބައިވެރިވެއެވެ. މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޮޕަރޭޝަން(އެމްއެމްޕީއާރްސީ) އިން ބުނީ، މި ފެއާގައި ރާއްޖޭގެ 45 ޑެސްޓިނޭޝަންއެއް ޕްރޮމޯޓްކުރަން 100 އަށް ވުރެ ގިނަ ދިވެހި މަންދޫބުން ފެއާގައި ބައިވެރިވި ކަމަށެވެ. ރާއްޖޭގެ ވަފްދުގައި އިސްވެ ހުންނެވީ ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލްއެވެ.
އެމްއެމްޕީއާރްސީން ބުނީ، ”އައިޓީބީ ޗައިނާ“ ގެ ޑެސްޓިނޭޝަން ޕާޓްނަރަކީ ވިޒިޓް މޯލްޑިވްސް ކަމަށެވެ. އެހެންކަމުން މިއަދު ފެއާ ހުޅުވުުމުގައިވެސް ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރަށް ފުރުސަތު ލިބުނެވެ. އަދި މިނިސްޓަރަށް ވާހަކަދެއްކުމުގެ ފުުރުސަތުވެސް ލިބުނެވެ. ޑެސްޓިނޭޝަން ޕާޓްނަރަކަށް ވުމުން ރާއްޖެ ޑިސްޕްލޭ ކުރަން ޕެވީލިއަން ހަދަން ލިބުނު ޖާގަވެސް މިފަހަރުވަނީ ބޮޑުކޮށްދީފަ އެވެ. އެއީ، މިދިޔަ އަހަރާއި އަޅަ ބަލާއިރު ދެގުނަ ބޮޑު ސަރަހައްދެކެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ، މިފަދަ ބޮޑު ފެއާއެއްގެ އޮފިޝަލް ޑެސްޓިނޭޝަން ޕާޓްނަރަކަށް ރާއްޖެ ވެގެން ދިޔުމަކީ ލިބުނު ފަހުރެއް ކަމަށެވެ.
ޗައިނާގެ ޝަންހާއީގެ ވޯލްޑް އެކްސްޕޯ އެގްޒިބިޝަން އެންޑް ކޮންވެންޝަން ސެންޓަރުގައި ކުރިޔަށްދާ މި ފެއާގައި ރާއްޖޭގެ ޘަގާފަތާއި ކެއުން ތަޖުރިބާކޮށްލުމުގެ ފުރުސަތު ޒިޔާރަތްކުރާ ފަރާތްތަކަށް ލިބިގެންދާނެއެވެ. މިއާ އެކީ ރާއްޖޭގެ ޕްރޮމޯޓް ކުރުމުގެ ގިނަ ހަރަކާތްތަކެއް ކުރިއަށް ދާނެ އެވެ. މިފެއާގައި ބައިވެރިވުމުގެ އެންމެ ބޮޑު އަމާޒަކީ، ބައިނަލްއަގްވާމީ ދާއިރާއިން ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ވިޔަފާރިތައް ފުޅާކުރުމަށް މަގުފަހިކޮށްދީ ޗައިނާގެ ޓްރެވަލް ނެޓްވޯކާ ގުޅުން ބަދަހިކޮށް ފަތުރުވެރި ކަމަށް އިތުރު ކުރިއެރުން ހޯދައިދިނުން ކަމަށް އެމްއެމްޕީއާރްސީި އިން ބުނެފައި ވެއެވެ.
ޗައިނާއަކީ މިވަގުތު ރާއްޖޭގެ ފަތުުރުވެރިކަމުގެ އެންމެ ބޮޑު މާކެޓެވެ. ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ %11 އަކީ ޗައިނާ ފަތުރުވެރިންނެވެ.



