އެއަރޕޯޓު ސްޓާފުންތަކަކަށް އިންޒާރު ދިންކަމަށް ބުނެ ބައެއް މީޑިއާތަކުގައި ދައުރު ކުރަމުންދަނީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
ރާއްޖޭގެ މިޑީއާއެއްގައި ބުނެފައިވަނީ، އެމްއޭސީއެލްގެ މުވައްޒަފުންނަށް އިންޒާރުދީ ސެކިއުރިޓީ ފާސް ބޭނުންކުރުމާއި ގުޅޭގޮތުން ސަރކިއުލާއެއް ނެރެފައިވާ ކަމަށެވެ.
މިކަމާއި ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އެމްއޭސީއެލްއިން ބުނީ، އެއަރޕޯޓަކީ ސެކިއުރިޓީ މަތީ ތަނެއްކަމުން އަބަދުވެސް ތަނުގެ ސެކިއުރިޓީ ކަށަވަރު ކުރުމަށް މުވައްޒަފުންނަށް އެކި ކަންކަމާއި ގުޅޭގޮތުން ހަނދާން އައުކޮށްދީ ސަރކިއުލަރތައް ނެރޭ ކަމަށެވެ.
އެހެންނަމަވެސް ބައެއް މީޑިއާތަކުން މިއީ ވަކިކަމަކާއި ގުޅިގެން ނެރުނު ސަރކިއުލަރއެއް ކަމަށް ދެއްކުމަށް މަސައްކަތްކުރި ނަމަވެސް އެފަދަ އެއްވެސް ޙާދިސާއެއް އެއަރޕޯޓުގައި ހިނގާފައިނުވާ ކަމަށް އެމްއޭސީއެލްއިން ބުންޏެވެ.
މިކަމާއި ގުޅޭގޮތުން ރިޕޯޓުކޮށްފައިވާ މީޑިއާގައިވަނީ، އެއަރޕޯޓުގެ ބެގޭޖް ކްލިއަރެންސް ސަރަޙައްދަށް ބައެއް މުވައްޒަފުން ގޮސް ފަސިންޖަރުންނާއި މުޢާމަލާތްކުރާ ކަމަށާއި، އޭގެ ސަބަބުން ކަސްޓަމްސްގެ މަސައްކަތްތަކަށް ބުރުއަރާ ކަމަށް ބުނެފައެވެ. އެފަދަ ކަންކަން ތަކުރާރުވާނަމަ ފިޔަވަޅު އަޅާނެ ކަމަށް އެސަރކިއުލަރގައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.
އެމްއޭސީއެލްއިން ބުނީ، އެއަރޕޯޓުގެ ސެކިއުރިޓީގެ ކަންކަމަށް އެންމެ އިސްކަންދޭނެ އެއްބަޔަކީ މުވައްޒަފުން ކަމަށެވެ. އެހެންކަމުން ސެކިއުރިޓީ ކަށަވަރު ކުރުމަށް މުވައްޒަފުންނަށް އަބަދުވެސް ހަނދާން އައުކޮށްދިނުމުގެ ގޮތުން އެތެރޭގެ ސަރކިއުލަރތައް އެމްއޭސީއެލްގައި އޮންނަ އުސޫލުގެ ދަށުން ނެރެމުންދާ ކަމަށެވެ. އެއީ، އަލަށް ކުރާކަމެއް ނޫންކަންވެސް އެކުންފުނިން ފާހަގަކުރައްވައެވެ.




