ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގައި މިރޭ ނޯވޭއާ ދެކޮޅަށް ބްރެޒިލް ކުޅޭ މެޗުގައި، އަނިޔާއަށްފަހު ރަފީނިއާ ފެނުމުގެ އުއްމީދު ބޮޑުކަމަށް ކޯޗު ކާލޯ އަންޗެލޮޓީ ވަނީ ބުނެފައެވެ.
އަންޗެލޮޓީ ބުނިގޮތުގައި، ރަފީނިއާ އަދި ސަތޭކަ އިންސައްތަ ފިޓް ނޫން ނަމަވެސް، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އޭނާ މެޗަށް ނުކުތުމުގެ ފުރުސަތު އެބައޮތެވެ.
ބްރެޒިލްގެ ޓީމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މިޑްފީލްޑަރު ލޫކަސް ޕަކޭޓާއަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާއަށް މި މެޗުގައި ނުކުޅެވުމެވެ. އަންޗެލޮޓީ ފާހަގަކުރި ގޮތުގައި ޕަކޭޓާގެ ބަދަލުގައި އެހެން ކުޅުންތެރިއަކު ހޯދަން ޖެހުމުން ޓީމުގެ މެދުތެރެއަށް ބަދަލުތަކެއް އަންނާނެއެވެ.
ނޯވޭ ޓީމުގެ އެންމެ ނުރައްކާތެރި ކުޅުންތެރިއެއްގެ ގޮތުގައި ބްރެޒިލުން ދެކެނީ އާލިން ހާލަންޑެވެ. ހާލަންޑުގެ ނުރައްކާ ކުޑަކުރުމަށްޓަކައި އޭނާއަށް ލިބޭ ފުރުސަތުތައް ހަނިކުރުމަކީ މުހިންމު ކަމެއް ކަމަށް ބްރޫނޯ ގިމަރައެސް ވަނީ ބުނެފައެވެ. އަދި ނޯވޭއިން ސެޓް ޕީސްތަކުގައި ދޭ ހަމަލާތަކަށް ސަމާލުވާން ޖެހޭނެ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
މިރޭ ރާއްޖެ ގަޑިން މެންދަމު 1 ޖަހާއިރު ފަށާ މި މެޗަކީ ގަދަ 16 ގެ އެންމެ ވާދަވެރި އަދި ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ މެޗެކެވެ.
ބްރެޒިލުން ވަނީ ނޯވޭގެ ވަރުގަދަ ކުޅުން ހުއްޓުވުމަށްޓަކައި ހާއްސަ ފަރިތަކުރުންތަކެއް ކުރިއަށް ގެންގޮސްފައެވެ.




