ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރުތަކުގައި ދިރިއުޅޭ ގިނަ ރައްޔިތުންނަށް ލިފްޓުގެ ޖާގައިގެ ދަތިކަމާ ގުޅިގެން އުފުލަން ޖެހުނު ތަކުލީފުތަކުގެ އަޑުއައްސަވައި، އެކަމަށް ލުޔެއް ގެނެސްދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް، ހިޔާގެ ގިނަ ޓަވަރުތަކެއްގައި އިތުރު ދެ ލިފްޓު ހަރުކޮށް، ރޭގައި ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ.
އެ ލިފްޓުތައް ރަސްމީކޮށް ރޭގައި އިފްތިތާހު ކޮށްދެއްވީ، ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ހައުސިންގް މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރ ބްރިގޭޑިއާ (ރިޓަޔަރޑް) އަލީ ޒުހައިރު ވިދާޅުވީ، މިއީ ރައްޔިތުން ކުރި ދިގު އިންތިޒާރަކަށް އައި ނިމުމެއް ކަމަށެވެ.

”މިއަދަކީ ލިފްޓަށް މަޑުކޮށްގެން ހުންނަން ޖެހުމުގެ ތަކުލީފަށް ނިމުމެއް އައި ދުވަސް. އެގޮތުން ހިޔާ ޓަވަރުގެ 16 ޓަވަރެއްގައި މިހާރު އިތުރު ދެ ލިފްޓު ހުންނާނެ. މިއީ އަދުގެ ރައީސުލްޖުމްހޫރިއްޔާއަކީ ރައްޔިތުންގެ ކަންބޮޑުވުންތަކުގެ އަޑުއައްސަވައި، އެކަމަށް ހައްލެއް ގެނެސްދެއްވާ ބޭފުޅަކަށްވުމުގެ ހެޔޮ ނަތީޖާ“ ޒުހައިރު ވިދާޅުވިއެވެ.
ހިޔާ ޓަވަރުތަކުގައި އެޗްޑީސީން އަލަށް ގާއިމްކުރި މި ލިފްޓުތަކަކީ 21 މީހުންގެ ޖާގައިގެ ލިފްޓެކެވެ. މި ލިފްޓުތައް ފަރުމާ ކޮށްފައިވަނީ، ބަލި މީހަކު ސްޓްރެޗަރަށް ލައިގެންވެސް ގެންދަން ޖެހިއްޖެ ހާލަތެއްގައި، ސްޓެޗަރުވެސް ވެއްދޭނެފަދަ ފަސޭހަކޮށެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މުއްޠަލިބު ވިދާޅުވީ ހިޔާ ފްލެޓުތަކުގައި އިތުރު ދެ ފްލެޓު ހަރުކުރެވުނީ ތަކުލީފުތަކަކާވެސް އެކުގައި ކަމަށާއި އެކަމަށްޓަކައި ވަރަށް ޚަރަދުވެސް ދިޔަ ކަމަށެވެ. ނަމަވެސް ރައީސް މުޢިއްޒު އެކަން ކޮށްދެއްވީ ރައްޔިތުންނަށްޓަކައި، ރައްޔިތުންގެ ހެވާއިލާބައަށްކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.




