20 ވަނަ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު މާދަމާ (28 މޭ ވާ އަންގާރު ދުވަހުގެ) ހެނދުނު 9:00 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ފަހު 20 ވަނަ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އިންތިޚާބު ކުރުމަށް ބާއްވާ މަޖިލީހުގެ ޖަލްސާ ފެށޭނީ 10:15 ގައެވެ. މި ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު އެވެ.
މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ހޮވުމަށް ނަގާ ވޯޓަކީ ސިއްރު ވޯޓަކަށް ވީ ނަމަވެސް، މަޖިލީހުގެ މެޖޯރިޓީ ގޮނޑި ކާމިޔާބު ކޮށްފައިވާ ޕީއެންސީއިން ވަނީ ރައީސް އަދި ނައިބު ރައީސް ގެ މަޤާމަށް ގެންނާނެ ދެ މެމްބަރަކު ކަނޑައަޅާފައެވެ. މަޖިލީހުގެ ރައީސް ކަމަށް އިންތިޚާބު ކުރަން ޕީއެންސީއިން ނިންމަފައިވަނީ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އެވެ. އަދި ނައިބު ރައީސް އަކަށް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް އިންތިޚާބު ކުރުމަށް ޕީއެންސީ އިން ވަނީ ނިންމާފައެވެ.
މަޖިލީހުގައި ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ 67 މެމްބަރުން ތިއްބަވާއިރު، އިދިކޮޅު އެމްޑީޕީގެ 12 މެމްބަރުން ތިއްބަވާނެއެވެ. އޭގެ އިތުރުން އަމިއްލަ ގޮތުން ވާދަ ކުރެއްވި 10 މެމްބަރުންނާއި، އެމްޑީއޭގެ 2 މެމްބަރުންނާއި ޖުމްހޫރީ ޕާޓީ ގެ އެއް މެމްބަރަކާއި، އެމްއެންޕީ ގެ މެމްބަރެއް މަޖިލީހުގައި ތިއްބަވާނެއެވެ.




