ރާއްޖޭގައި ޓޫރިޒަމް ޑެވެލޮޕްމެންޓް ބޭންކެއް ގާއިމުކުރައްވާކަން އިއުލާނު ކުރައްވައިފި އެވެ.
މިކަން އިއުލާނުކުރެއްވީ މިހާރު ޗައިނާގައި ކުރިޔަށްދާ އައިޓީބީ ފެއާގެ ތެރެއިން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އެވެ.
މިއަދު ފެއާ ހުޅުވުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ޓޫރިޒަމް ޑިވެލޮޕްމަންޓްއަށް ޚާއްސަ ބޭންކެއް ހުޅުވުމުގެ ބޭނުމަކީ ފަތުުރުވެރިކަމަށް އިންޓަރެސްޓް ކުޑަކޮށް ލޯނު ދޫކުރާނެ ފެސިލިޓީއެއް އުފެއްދުން ކަމަށެވެ. އަދި، ފަތުރުވެރިކަމުގެ ދާއިރާއަށް ވަންނަން ބޭނުންވާ ޒުވާނުން މާލީގޮތުން ބާރުވެރިކުުރުވުމަކީ އަމާޒެއް ކަމަށެވެ.
ސައުވީހަށް އެނގިފައިވާގޮތުގައި މި ބޭންކުން މިހާރު ނުހެދި ރިސޯޓްތައް ނިންމުމަށާއި، އަދި ދިގު މުއްދަތަކަށް ދޫކޮށްފައި ހުރި ރިސޯޓުތައް އަލުން ހެދުމަށް ފައިނޭންސްކޮށް އެ ރިސޯޓުތައް އަލުން މާކެޓަށް ނެރުމަށް މަގުފަހިކޮށްދޭނެއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގައި ވިޔަފާރިކުރަން ބޭނުންވާ ޒުވާނުންނާއި ގެސްޓްހައުސް އެޅުމަށާއި އަދި އެހެނިހެން ފަތުުރުވެރިކަމާއި ގުޅުން ހުރި ވިޔަފާރިތަށް ފެށުމަށް ލޯނު ލިބުމުގެ ފުރުސަތު ފަހިވެގެން ދާނެއެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ޓޫރިޒަމް ދާއިރާއަށް ކުރިމަތިވާ ގޮންޖެހުންތަކުން، ވަކިން ޚާއްސަކޮށް ސިއްހީ ކާރިސާ އަދި ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް ޕްލޭނެއް ތައްޔާރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލި އަޅުއްވާލެއްވި އެވެ.




