މާތްވެގެންވާ އިސްލާމްދީނަކީ، އުނގަންނައިދިނުމާއި ތެދު މަޢުލޫމާތު ފެތުރުމަށް އަދި ލިޔުންތެރިކަން ކުރިއެރުވުމަށް ބާރުއަޅާ ދީނެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ 34ވަނަ ލިޔުންތެރިންގެ ދުވަހާ ގުޅިގެން ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން އެމަނިކުފާނު ވަނީ މި ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ދިވެހި އެންމެހައި ލިޔުންތެރިންނަށާއި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.
ރައީސްގެ ޕޯސްޓުގައި ވިދާޅުވީ، މާތްވެގެންވާ އިސްލާމްދީނަކީ، އުނގަންނައިދިނުމާއި ތެދު މަޢުލޫމާތު ފެތުރުމަށް އަދި ލިޔުންތެރިކަން ކުރިއެރުވުމަށް ބާރުއަޅާ ދީނެއް ކަމަށެވެ. އެހެންކަމުން، ދިވެހިބަހުން ލިޔާ ކޮންމެ ލިޔުންތެރިއަކުވެސް، ޙައްޤުބަސް ފެތުރުމަށާއި، ރީތިކޮށް މުޚާޠަބުކުރުމަށާއި، ތިމާއަށާއި އަނެކުންނަށް މިއަދާއި މާދަމާވެސް ފައިދާކުރާނެ ރަނގަޅު ވާހަކަތަކާއި ފިކުރުތައް ފެތުރުމަށް އެމަނިކުފާނުވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.
”ދިވެހި ލިޔުންތެރިން ވާންޖެހޭނީ، މި ޤައުމު އަބަދުމެ ފަޚުރުވެރިވާނެ މި ޤައުމަށް ފާގަތިވާނެ ގޮތަށް ލިޔާ އަމާނާތްތެެރި ޤައުމުދެކެ ލޯބިވާ ބަޔަކަށް“ ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ ދިވެހި ޤައުމުގެ އެހާރާއި މިހާރުގެ ލިޔުންތެރިންގެ ތެދުވެރި މަސައްކަތްތަކުގައި ބަރަކާތްލެއްވުން އެދި ދުޢާވެސް ކުރައްވާފައެވެ.




