ރާއްޖެއާއި އިންޑިޔާގެ މެދުގައި އޮތް އިގުތިސާދީ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށާއި، ދެ ގައުމުގެ މެދުގައި ގާއިމުކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ (އެފްޓީއޭ) ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު، އިންޑިޔާގެ ވިޔަފާރިއާއި ސިނާއަތާ ބެހޭ ވަޒީރު ޕިޔުޝް ގޯޔަލްއާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން މިނިސްޓަރު ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެއާއި އިންޑިޔާގެ މެދުގައި އިގުތިސާދީ އެއްބާރުލުން އިތުރުކޮށް ހަރުދަނާކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން ވަރަށް ކާމިޔާބު އަދި އުފެއްދުންތެރި މަޝްވަރާތަކެއް ކުރިއަށްގެންދެވި ކަމަށެވެ.
މި މަޝްވަރާތަކުގެ ތެރޭގައި، ދެ ގައުމުގެ މެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމަށް މިހާރު ކުރެވެމުންދާ މަސައްކަތްތަކަށް ވަނީ އަލިއަޅުވާލާފައެވެ.
މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ އިތުރުން، ދެ ގައުމުގެ މެދުގައި އިންވެސްޓުމެންޓު މުއާހަދާއެއް ގާއިމުކުރުމާ ގުޅޭގޮތުން ވެސް ދެ ވަޒީރުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މިނިސްޓަރު ސަޢީދު ފާހަގަކުރެއްވި ގޮތުގައި، ވިޔަފާރިއާއި އިންވެސްޓުމެންޓުގެ އިތުރުން އިގުތިސާދީ ގޮތުން ދެ ގައުމުގެ މެދުގައި އެއްބާރުލުން އިތުރުކުރެވޭނެ އައު ދާއިރާތަކާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.
މި މަސައްކަތްތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އިގުތިސާދީ އެއްބާރުލުމާއި ހިއްސާވަނިވި ކުރިއެރުމުގެ ތެރެއިން ދެ ގައުމުގެ ގުޅުން ބަދަހިކުރެއްވުމަށް ގެންގުޅުއްވާ ތަސައްވުރުގެ ބައެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ސަޢީދު ވަނީ އިންޑިޔާގެ ވަޒީރު ޕިޔުޝް ގޯޔަލް ބެހެއްޓެވި ގާތް މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދެ ގައުމުގެ ރައްޔިތުންނަށް މަންފާކުރާނެ ފަދަ ނަތީޖާތަކެއް ނެރުއްވުމަށްޓަކައި، ދެ ގައުމުގެ ލީޑަރުން ކުރައްވާ މަސައްކަތްޕުޅުތައް ހަގީގަތަކަށް ހެއްދެވުމުގައި ގުޅިގެން މަސައްކަތްކުރެއްވުމަށް އުންމީދުކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.


