ޗައިނާގެ ޔުނާން ޕްރޮވިންސުން ދިވެހިރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު މިއަދު ހަދިޔާކޮށްފިއެވެ.
މާލޭ ޔޫތު ހަބުގައި މިއަދު ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ތަކެތި ސަރުކާރާ ހަވާލުކޮށްދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގ ޝިންހުއާއެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މި ތަކެއްޗާ ހަވާލުވެވަޑައިގެންނެވީ ސްޕޯޓްސް މިނިސްޓްރީ ޢަބްދުއްލަ ރާފިޢުއެވެ. މި ރަސްމިއްޔާތުގައި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްގެ އިތުރުން، ކުޅިވަރާ ބެހޭ ވުޒާރާގެ އިސްވެރިންނާއި ޗައިނާ އެމްބަސީގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޔުނާން ޕްރޮވިންސުން ހަދިޔާކުރި މި ސާމާނުތަކުގެ ތެރޭގައި ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް އޮންނަ ފުޓްބޯޅަ، ބާސްކެޓްބޯޅަ އަދި ބެޑްމިންޓަން ރެކެޓް ފަދަ ކުޅިވަރުތަކަށް ބޭނުންވާ ސާމާނު ހިމެނެއެވެ. ޗައިނާ ސަފީރު ވިދާޅުވި ގޮތުގައި މި އެހީއަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ ރަމްޒެކެވެ. އަދި މިއީ ފާއިތުވި އެއް އަހަރު ތެރޭގައި ޔުނާން ޕްރޮވިންސުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިން ދެވަނަ ފަހަރުކަންވެސް ސަފީރު ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ރާފިޢު އާއި ވަޒީރު އިރުތިޝާމް ވަނީ ޗައިނާއިން ދިވެހި ޒުވާނުންނާއި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ދެއްވާ އެއްބާރުލުމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. ސަފީރު ވިދާޅުވި ގޮތުގައި މި ތަކެތި ބޭނުންކުރާނީ ރާއްޖޭގެ ސްކޫލްތަކާއި އާންމު ކުޅިވަރު މައިދާންތަކުގައެވެ.
ރާއްޖެއާއި ޗައިނާއާ ދެމެދު ކުޅިވަރުގެ ދާއިރާއިން އޮންނަ ގުޅުން އިތުރަށް ބަދަހިވަމުން އަންނައިރު، މިއަހަރުގެ ފެބުރުވަރީ މަހު ރާއްޖެއާއި ޗައިނާގެ ފުޖިއާން ޕްރޮވިންސާ ދެމެދު ވަނީ ކުޅިވަރުގެ ދާއިރާއިން މީހުން ބިނާކުރުމާއި ތަމްރީނު ފުރުސަތުތައް އިތުރުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.




