ކްރޮއޭޝިއާގެ ފުޓްބޯޅަ ތާރީޚުގައި އެންމެ ކާމިޔާބު ކޯޗު ޒްލަޓްކޯ ޑަލިޗް، ނުވަ އަހަރަށްފަހު މަގާމުން ވަކިވެއްޖެއެވެ.
އޭނާ މަގާމުން ވަކިވީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ޕޯޗުގަލް އަތުން ބަލިވެ، ކްރޮއޭޝިއާ މުބާރާތުން ކެޓިތާ ހަފުތާއެއްވެސް ނުވަނީހެވެ.
ޑަލިޗް ވަނީ އޭނާގެ އިރުޝާދުގެ ދަށުން ކްރޮއޭޝިއާއަށް ހޯދައިދިން ބޮޑެތި ކާމިޔާބީތަކާއި، ޚާއްސަކޮށް ބޮޑެތި ޓީމުތައް ބަލިކުރި އުފާވެރި ހަނދާންތަކާ މެދު ފަޚުރުވެރިވާކަން ހާމަކޮށްފައެވެ.
2017 ވަނަ އަހަރު ކޯޗުކަމާ ހަވާލުވި ޑަލިޗްގެ ދަށުން ކްރޮއޭޝިއާއިން ވަނީ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައެވެ. މީގެ ތެރޭގައި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ދެވަނަ، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ތިންވަނަ، އަދި 2022-23 ވަނަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގުގެ ދެވަނަ ހިމެނެއެވެ. އޭނާ ވަނީ ޖުމްލަ 111 މެޗުގައި ޓީމަށް އިރުޝާދުދީ، އޭގެ ތެރެއިން 62 މެޗުން މޮޅުވެފައެވެ.
މި ފަހަރުގެ ވޯލްޑް ކަޕުން ކްރޮއޭޝިއާ ކެޓި މެޗުގައި ރެފުރީންގެ ބައެއް ނިންމުންތަކަށް ޑަލިޗް ފާޑުކިޔާފައިވެއެވެ. ޚާއްސަކޮށް ވީއޭއާރް މެދުވެރިކޮށް ދިން ޕެނަލްޓީއަކާއި، މެޗުގެ ފަހު ވަގުތު ޖެހި ލަނޑެއް އޮފްސައިޑް ކަމަށް ނިންމުމުން އޭނާ ހިތްހަމަނުޖެހުން ފާޅުކުރިއެވެ. ނަމަވެސް، މުބާރާތުން ކެޓި މައިގަނޑު ސަބަބަކީ އެއީ ކަމަށް ދައްކަން ބޭނުންނުވާ ކަމަށްވެސް އޭނާ ބުންޏެވެ.
ކްރޮއޭޝިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ޑަލިޗް ކޮށްދެއްވި އިޚުލާސްތެރި މަސައްކަތަށާއި ހޯއްދަވައިދެއްވި ކާމިޔާބީތަކަށް ޝުކުރު އަދާކޮށްފައެވެ. ޤައުމީ ޓީމާ ހަވާލުވުމުގެ ކުރިން އޭނާ ވަނީ ސައުދީ އަރަބިއްޔާގެ އަލް-ހިލާލް އަދި ޔޫއޭއީގެ އަލް-އައިން ފަދަ ކްލަބުތަކަށްވެސް ކޯޗުކަން ކޮށްދީފައެވެ.



