ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު އެންޓީގާ އެންޑް ބާބިޔުޑާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އ.ދ. ގެ ސެކްރެޓަރީ ޖެނެރަލް ގުޓެރޭސް އާއި ބައްދަލުކުރައްވައިފިއެވެ.
މިއީ ރައީސް ޑރ. މުއިއްޒު އާއި އ.ދ. ގެ ސެކްރެޓަރީ ޖެނެރަލް ރަސްމީކޮށް ބައްދަލުވި ފުރަތަމަ ފަހަރެވެ. މި ބައްދަލުވުމުގައި ރައީސް ޑރ. މުއިއްޒު ވަނީ އ.ދ. އާއި ރާއްޖެއާއި އޮންނަ ގާތް ގުޅުމަށް އަލިއަޅުވާލާފައެވެ.

ސިޑްސްގެ ޤައުމެއް ގޮތުން ރާއްޖެއަށް ދިމާވެފައިވާ އެކިއެކި ގޮންޖެހުންތަކާއި އެ ކަންކަމުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭގޮތުންވެސް މި ބައްދަލުވުމުގައި ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
ރައީސް ޑރ. މުއިއްޒު، އެންޓީގާ އެންޑް ބާބިޔުޑާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. އެ ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތައް ރައީސް މިއަދު ވަޑައިގެންނެވުމުން މަރުހަބާ ދެންނެވީ އ.ދ. ގެ ސެކްރެޓަރީ ޖެނެރަލް އާއި އެންޓިގުއާ އެންޑް ބާބިޔުޑާގެ ބޮޑުވަޒީރު އެޗްއީ ގެސްޓޮން ބްރައުންއެވެ.
ރައީސް ޑރ. މުއިއްޒަކީ އ.ދ.އިން އިންތިޒާމުކުރާ މި ކޮންފަރެންސްގެ ނައިބު ރައީސުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި މި ކޮންފަރެންސްގައި ހިމެނޭ ފަސް އިންޓަރެކްޓިވް ޑައިލޯގުގެ ކޯޗެއަރއެވެ.
ސިޑްސް ގެ ގެ މި އަހަރުގެ ޝިއާރަކީ ”ޗާރޓިންގ ދަ ކޯސް ޓުވާޑްސް ރިސިލިއަންޓް ޕްރޮސްޕަރިޓީ“ އެވެ. މި ޝިއާރާ އެއްގޮތަށް މި އަހަރުގެ ސިޑްސް ކޮންފަރެންސްގައި ތިމާވެށީގެ ގޮތުން ނާޒުކު އަދި ކުދި ޤައުމުތަކަށް ފާގަތިކަމާއި، ވިލުންތެރިކަން ހާސިލްކުރުމަށް މަގުކޮށައިދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރެއްވުމަށް ވަނީ ނިންމަވާފައެވެ.




